ޚަބަރު

ހިތަދޫ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފި


އައްޑޫސިޓީ ހިތަދޫ ބަނދަރު މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް، މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ފަށައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިމަޝްރޫޢުގައި ހިމެނެނީ ހިތަދޫގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު އަލުން މަރާމާތުކޮށް ހެދުމުގެ މަސައްކަތެކެވެ. އެގޮތުން ބަނދަރުގެ 284މީޓަރުގެ ސަރަޙައްދު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިބަނދަރުގައި މިހާރު ބޭރުތޮށްޓެއް ނެތް އިރު، މިމަޝްރޫޢުގެ ދަށުން 800 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މިއާއި އެކު ބަނދަރު 1420 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމެންޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބަނދަރު ބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަނދަރުގައި ނެރު ބައްތި ހަރުކުރުމަށް ވެސް މިމަޝްރޫޢުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.

ހިތަދޫގެ މިބަނދަރަކީ ބޭރުތޮށި ލައިގެން ހަދާފައިވާ ބަނދަރަކަށް ނުވާތީ އޮޑިފަހަރު އަޅާފައި ބޭއްވުމުގައިވެސް ބޮޑެތި ދަތިތަށް ހުރިކަން މީގެ ކުރީން އައްޑޫސިޓީ ކައުންސިލުންވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހިތަދޫ އައިސްޕްލާންޓަށް އައިސް ބަލައި އަންނަ ދޯނިތަކުން ވެސް މިބަނދަރު ބޭނުން ކުރެއެވެ. ނަމަވެސް ޒަމާންތަކެއް ބަނދަރަށް ވެފައިވާއިރު ބަނދަރުވަނީ މާރާމާތު ކުރަން ޖެހިފައެވެ. މިބަނދަރާއެކު މަސް ދޯނިފަހަރަށާއި އައިސް ބަލައި އަންނަ ދޯނިފަހަރަށް އަދި އުޅަނދުތަކަށްވެސް ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެވެ.

ސަރުކާރުން މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. މިމަޝްރޫއަކީ 52.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހު ތެރޭގައި ނިންމުމަށެވެ.