ކުޅިވަރު

އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީއަށް އަހުލުވެރިކުރުމުގެ ސެޝަންތައް ފަށައިފި


އެފްއޭއެމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަށް ކުދިންނާއި ބެލެނިވެރިން އަދި ކޯޗުން އަހުލުވެރިކުރުމުގެ ޕްރޮގްރާމް އެފްއޭމް އިން ފަށައިފިއެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަށް އަހުލުވެރިކުރުމުގެ ސެޝަންތައް ބާއްވަން އެފްއޭމްއިން ފަށާފައި މިވަނީ މި ޕޮލިސީ މިދިޔަ ހަފްތާގެ ތެރޭގައި އިފްތިތާޙް ކުރުމަށްފަހުއެވެ. އެގޮތުން މީގެ އެންމެ ފުރަތަމަ ސެޝަންތައް ބާއްވާފައިމިވަނީ އައްޑޫސިޓީގައެވެ. އައްޑޫގައި އާދީއްތަ ދުވަހާއި ހޯމަ ދުވަހު ބޭއްވި މިސެޝަންތައް ބެލިނިވެރިންނާއި ކުދިންނާއި ކޯޗުންނަށް ނަގައިދީފައިވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިންނެވެ. މިއީ އެފްއޭއެމް އާއި އާކް ގުޅިގެން ތައްޔާރުކޮށްފައިވާ ޕޮލިސީއެކެވެ.

އައްޑޫސިޓީ ޝަރަފުއްދީން ސްކޫލުގައި ވަކިވަކިން ބޭއްވި ސެޝަންތަކުގައި 26 ކޯޗުންނާއި 23 ކުދިންނާއި 16 ބެލެނިވެރިއަކު ވަނީ ބައިވެރިވެފައެވެ. މި ސެޝަންތަކުގައި ކުދިންނަށް ވެވިދާނެ އަނިޔާތަކާއި އަދި އިހުމާލުތަކަކީ ކޮބައިކަން ކިޔައިދީ ކޯޗުންނާއި ކުދިންނާއި ބެލެނިވެރިންނަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ޢަމަލު ކުރާނެ ގޮތްތައް ވަނީ ބުނެދީފައެވެ. މީގެ އިތުރުން ފުޓުބޯޅަ ކުޅޭ ކުދިންނަށް ކުރިމަތިވާ މިފަދަ ކަންކަމުގައި ކޮންމެ ފަރާތަކުންވެސް މި ޕޮލިސީގެ ދަށުން ޢަމަލު ކުރާނެ ކަންކަން ވަނީ ކިޔައިދީފައެވެ.

އެފްއޭމްއިން ބުނި ގޮތުގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީގައި މި ޕްރޮގްރާމް ފެށި ނަމަވެސް، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އެގޮތުން މީގެ 30 އަކަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަން އެފްއޭމްއިން ވަނީ ހާމަކޮށްފައެވެ.

އެފްއޭއެމްއިން ތަޢާރަފް ކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ދަށުން ޚާއްސަ ސޭފްގާޑް ޔުނިޓެއް އެކުލަވާލުމާއި ޗައިލްޑް ސޭފްގާޑް ކޮމިޓީއެއް ހެދުމުގެ އިތުރުން ޗައިލްޑް ސޭފްގާޑް އޮފިސަރެއް އައްޔަންކުރުންވެސް ހިމެނެއެވެ. އަދި ޗައިލްޑް ސޭފްގާޑް ފޯކަލް ޕޮއިންޓެއްވެސް ހަމަޖައްސަން ޖެހެއެވެ. މިއީ ފުޓުބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އިފްތިތާޙްކުރި ޕޮލިސީއެކެވެ.