ޚަބަރު

އަޣްލަބިއްޔަތު އެބޮތް، އިސްތިޢުފާއެއް ނުދޭނަން: މުޙްޔިއްދީން


މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އެބޮތްކަމަށާއި އިސްތިޢުފާދެއްވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ. އަދި އޭނާއަށް އަޣްލަބިއްޔަތު އޮތްކަން ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފެށުމުން ފެންނާނެކަމަށްވެސް މުޙްޔިއްދީން ވިދާޅުވިއެވެ.

ޤައުމީ ޓީވީ މެދުވެރިކޮށް ޤައުމަށް މުޙާތަބުކުރައްވަމުން މުޙްޔިއްދީން ވިދާޅުވީ ވެރިކަންކުރާ ޕާޓީގައި ހިމެނޭ ބައެއް މެންބަރުން އޭނާއަށް އިތުރަށް ތާޢީދުނުކުރަން ނިންމި ނަމަވެސް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަންދެން ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވަން މެލޭޝިޔާގެ ރަސްގެފާނު ޢަބްދުﷲ އެދިވަޑައިގެންފައިވާކަމަށެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު އިސްމާޢީލް ޞަބުރީ ބިން ޔަޢުޤޫބާއި ނުފޫޒުގަދަ ބައެއް މަޖިލިސް މެންބަރުންނާއެކު ހުންނަވައި މުޙްޔިއްދީން ވިދާޅުވީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި އޭނާއަށް އަޣްލަބިއްޔަތު އޮތްކަން ރަސްގެފާނަށް ދަންނަވާފައިވާނެކަމަށެވެ. އަދި ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވައި ބޭފުޅަކަށް ތަފާތު ސުވާލުތައް ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާކަމަށާއި އޭނާއަށް އޮތް ތާޢީދު ދައްކުވައިދެއްވާނެކަން ރަސްގެފާނަށް ދަންނަވާފައިވާނެކަމަށްވެސް މުޙްޔިއްދީން ވިދާޅުވިއެވެ.

2020ވަނަ އަހަރުގެ މާރިޗުގެ މަހުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތް މުޙްޔިއްދީން ވެރިކަންކުރައްވަނީ ވަރަށް ހަނި އަޣްލަބިއްޔަތާއެކުއެވެ. މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު އިސްމާޢީލް ޞަބުރީ ބިން ޔަޢުޤޫބު ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ 222 މެންބަރުގެ ތެރެއިން 110 މެންބަރުގެ ތާޢީދު މުޙްޔިއްދީންނަށް އޮތްކަމަށެވެ. ނަމަވެސް ވެރިކަންކުރާ ޕާޓީގައި މުޙްޔިއްދީންމެދުވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. މުޙްޔިއްދީން ވިދާޅުވި ގޮތުގައި އޭނާއާމެދު ހިތްހަމަނުޖެހުން އުފެދިފައިވަނީ ބައެއް ޕާޓީތަކުން ކުރަމުންދާ ޝަރުތުތަކަށް އޭނާ އެއްބަސްވެވަޑައިނުގަތުމުންނެވެ. އެ ގޮތުން ޚިޔާނާތުގެ ތުޙްމަތުތައް ކުރެވޭ ބައެއް ސިޔާސީވެރިން މިނިވަންކުރުމަށް އެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ މުޙްޔިއްދީން ވިދާޅުވީ ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ބައެއް ޕާޓީތަކުންނާއި ސިޔާސީވެރިން އެދިފައިވާކަމަށެވެ.

މެލޭޝިޔާގެ ވެރިކަންކުރާ ޕާޓީން މުޙްޔިއްދީންގެ ތުޙްމަތުތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ ރައީސް އަޙްމަދު ޒާހިދު ޙަމީދީއާއި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާ ދެކޮޅަށް ޚިޔާނާތުގެ ދަޢުވާވަނީ އުފުލައިފައެވެ.

މެލޭޝިޔާގެ އިދިކޮޅު ޕާޓީތަކަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް މުޙްޔިއްދީން ދެއްވާފައިވަނީ އޭނާގެ ވެރިކަމުގެ ދުވަސްތައް ނިމިއްޖެކަމަށް އެ ޤައުމުގެ އިދިކޮޅު ސިޔާސީވެރިޔާ އަންވަރު އިބްރާހީމު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަންވަރު ވިދާޅުވެފައިވަނީ މުޙްޔިއްދީންވަނީ ޤާނޫނުތަކާ ޚިލާފުވެވަޑައިގެންފައިވާކަމަށާއި ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން ވަކިކުރުމަށް އިދިކޮޅު ޕާޓީތަކަށް ނިޞްބަތްވާ 107 މެންބަރުން މަސައްކަތްކުރާނެކަމަށެވެ. އަދި މުޙްޔިއްދީންނަށް މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދެއް ނެތްކަމަށާއި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފައިވާކަމަށް އަންވަރުވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ އިމާރާތުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ކޯވިޑް-19 ޖެހުމުންކަމަށް ބުނެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ އޭގެ ފަހުންނެވެ.