ޚަބަރު

މަލްޓިނޭޝަނަލް ކުންފުނިތަކުން ލިބެންޖެހޭ ޓެކްސް ކަށަވަރު ކުރަންޖެހޭ: މީރާ


ދިވެހިރާއްޖޭގައި ޤާނޫނީ ޓެކްސް ނިޒާމެއް އެންމެ ފުރަތަމަ ޤާއިމު ކުރެވިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. އެއީ އެއަހަރު މާރިޗު 18 ވަނަ ދުވަހު ތަސްދީޤު ކުރެވުނު 'ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނު' ދަށުންނެވެ. މި ޤާނޫނުގެ 'މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ' އުފެދިގެން އައީ 2010 ވަނަ އަހަރު އޯގަސްޓު 2 ވަނަ ދުވަހުއެވެ.

މީރާއަށް 11 އަހަރު ފުރިގެން ދިޔައިއިރު ޓެކްސް ދާއިރާގައި ގިނަ ކުރިއެރުންތަކެއް މީރާއިން ވަނީ ހޯދާފައެވެ. އެގޮތުން މީރާގެ އަހަރީ ދުވަހާއި ގުޅިގެން ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، މީރާ 12 ވަނަ އަހަރާއި ކުރިމަތިލަނީ ކާމިޔާބު މުޢައްސަސާއެއް ގޮތުގައި ކަމަށެވެ.

މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މީރާގެ އިދާރީ މަސައްކަތް ހަރުދަނާކޮށް، މީރާއަށް ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ނުވަތަ ކާރިސާއަކަށް މުޢައްސަސާ ތައްޔާރުވެވިފައިވާކަމަށް ކަމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ. އެގޮތުން އައިއެމްއެފްގެ ފަންނީ އެހީތެރިކަމާއެކު މީރާގެ ބިޒްނަސް ކޮންޓިނިއުޓީ ރިސްކް އަދި އެންޓަޕްރައިޒް ރިސްކް ރަޖިސްޓަރީ އެކުލަވާލެވިފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މީގެ ިއިތުރުން މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަކަން ކަމިޝަނަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19ގެ ހާލަތު އަހަރަކަށް ވުރެ ދިގުލައި، ޤައުމުގެ އިޤްތިޞާދު ހީނަރުވެފައިވާއިރު ބޮޑެތި ކުންފުނިތަކުން ޓެކްސް ފައިސާ ހޯދުމުގެ މުހިންމުކަން ކަމިޝަނަރ ފާހަގަކުރެއްވިއެވެ.

" އިގްތިޞާދީގޮތުން ދަތި ހާލަތެއްގައި ގައުމު ވާއިރު، ރާއްޖޭން ނަފާ ހޯދާ މަލްޓިނޭޝަނަލް ކުންފުނިތަކުން ރާއްޖެއަށް ލިބެންވާ ޓެކްސް ހަމައަށް ލިބޭކަން ކަށަވަރުކުރުމުގެ މުހިއްމުކަން ވަނީ ބޮޑުވެގެން ގޮސްފައި. މިފަދަ ކުންފުނިތައް އޮޑިޓްކުރުމުގެ ތަމްރީނާއި ހުނަރު މީރާގެ މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމަށް އެހީތެރިވެދީ، ޢަމަލީގޮތުން މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކޮށްދިނުމަށް އޯ.އީ.ސީ.ޑީ ޔޫ.އެން.ޑީ.ޕީގެ އެހީގައި ހިންގާ "ޓެކްސް އިންސްޕެކްޓާރސް ވިތައުޓް ބޯޑަރސް"ޕްރޮގްރާމްގެ ދަށުން ޓްރާންސްފަރ ޕްރައިނިންގ އޮޑިޓާ ގުޅޭ ނިއުޒިލޭންޑްގެ ތަޖުރިބާކާރެއް ހަމަޖެހި، މިހާރު ދަނީ މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރަމުން " ފަތުހުﷲ ޖަމީލް ވިދާޅުވިއެވެ.

މީރާއިން ވިދާޅުވި ގޮތުގައި، ޤައުމު މިވަގުތު އޮތް ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ވެސް އެ މުޢައްސަސާއިން ލުއިތަކެއް ދީފައިވާއިރު، މިހާރު ހުރިހާ ޓެކްސްއެއް ވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. މީގެ އިތުރުން ސުންގަޑިތައް ފަސްކޮށް އިންސްޓޯލްމެންޓް އުސޫލުން ޓެކްސް ދެއްކުމުގައި އިތުރު ލުއިތަކެއް ދިނުމާއިއެކު، ޖޫރިމަނާ މާފުކޮށްދިނުމުގެ އުސޫލުވެސް ތައާރަފްކޮށްފައިވާކަން މީރާއިން ފާހަގަކުރެއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކާއި އެކުވެސް ރައްޔިތުންނަށް ދޭ ޙިދުމަތުގައި ފަހަތަށް ނުޖެހި، އިތުރު 2 ސަރަހައްދެއްގައި މީރާގެ ކަލެކްޝަން ސެންޓަރު ޤާއިމުކޮށް ޙިދުމަތްދޭން ފަށާފައިވާކަން ކަމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

މީރާއަށް 11 އަހަރު ފުރުނުއިރު މިހާތަނަށް 17 އަތޮޅެއްގައި މީރާގެ ޙިދުމަތް ދޭން ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު ހުޅުވާފައިވަނީ މ. މުލި އަދި ނ. މަނަދޫ ކަލެކްޝަން ސެންޓަރެވެ. މީރާއިން ވިދާޅުވީ މިއޮފީސްތަކުގެ ސަބަބުން މީރާގެ ޙިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބި، އެސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.