ޚަބަރު

އދ. ފުޑް ސިސްޓަމް ސަމިޓުގެ ޕްރީ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ


އ.ދ ގެ ފުޑް ސިސްޓަމް ސަމިޓުގެ ކުރިން ބާއްވާ މިކަމާ ގުޅޭ ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ސަމިޓުގައި ރާއްޖެއިން ބައިވެރިވެވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

އިޓަލީވިލާތުގައި މިމަހުގެ 26 އިން 28 އަށް ކުރިއަށް ދިޔަ މިސަމިޓުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވީ މަތީ ފަންތީގެ މިނިސްޓަރުންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ ކާނާގެ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެޤައުމުތަކުގެ ތަޞައްވަރު ހިއްސާ ކޮށްފައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވަނީ، ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކަމަކުން ރާއްޖެ ފަދަ ކުޑަ ޤައުމަކަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަން ފާހަގަކުރައްވާފައެވެ. އަދި ފުރުސަތުތައް މަދު މިދަނޑިވަޅުގައިވެސް ކުރަން ޖެހޭ ގިނަ ކަންކަން ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ކާބޯތަކެތި އުފެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ފަންނީ ހުނަރު އުނގަންނައިދިނުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފައިދާ ކުރަނިވި ވިޔަފާރިތައް ބިނާ ކުރުމަށް، މާލީ އަދި ފަންނީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމުތައް ޤާއިމު ކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކާބޯތަކެތި އުފެއްދުމުގެ ނިޒާމުގެ ތެރޭގައި އަންހެނުން ބާރުވެރިކޮށް އަންހެނުންގެ އިޤްތިޞާދީ ހަރަކާތް އިތުރު ކުރަން ޖެހޭ ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

އ.ދ ގެ ފުޑް ސިސްޓަމް ސަމިޓުގެ ކުރިން ބާއްވާ މިކަމާ ގުޅޭ ސަމިޓުގެ މަތީ ފަންތީގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވެފައިވެއެވެ.

އ.ދ ގެ ފުޑް ސިސްޓަމް ސަމިޓަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތަައް ގުޅިގެން ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. މިއަހަރުގެ ސަމިޓު އަންނަ ސެޕްޓެމްބަރު މަހުގެ އެމެރިކާގެ ނިއުޔޯކުގައި ބާއްވާ އިރު، ސަމިޓަށް ދުރާލާ އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.