ޚަބަރު

އަންނަ އަހަރުން ފެށިގެން 10 އަށްވުރެ ގިނަ ބިދޭސީން މެނޭޖްކުރެވޭނީ ރެޕްރެޒެންޓޭޓިވް ސަނަދު އޮވެގެން


ބިދޭސީ ރެޕްރެޒެންޓޭޓިވްކަމުގެ ސަނަދު ހާސިލްކުރުމަށް ހަދަން ޖެހޭ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން ކުރިއަށްގެންދާ މިކޯހަކީ ރާއްޖޭގައި ވަޒީފާ ދޭ ފަރާތްތަކުން އެފަރާތްތަކުގެ ގެންގުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އައްޔަން ކުރާ ރެޕްރެޒެންޓޭޓިވްސް އުފެއްދުމަށް އެފަރާތްތަކަށް ބޭނުންވާ ސަނަދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކޯހެކެވެ.

މިކޯހުގެ މަޤްޞަދަކީ އެމްޕްލޮއިމަންޓް އެޖެންސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް ކިޔައިދީ، އެފަރާތްތައް ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގުވައިދީ، މަސައްކަތު މާހައުލުހައި ބިދޭސީ މަސައްކަތްތެރިންނާއި މެދު ޢަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްޤުތަކަށް އަހުލުވެރިކުރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި އަދި އޮގަސްޓުމަހުއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 10 ބިދޭސީންނަށް ވުރެ ގިނަ ބިދޭސީންނަށް ޙިދުމަތް ދެވޭނީ މިސަނަދު ހާސިލް ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިއީ 6 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިކޯހަށް އެދި ހުށަހަޅާ ފޯމް އެމްއެންޔޫގެ ވެބްސައިޓުން ލިބޭއިރު، މިއަދުން ފެށިގެން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި ޤަވާއިދާ ޙިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ މައްސަލައަކީ ސަރުކާރުން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލައެކެވެ. އެގޮތުން މިހާރު ޤަވާއިދާއި ހިލާފަށް ތިބި ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްގެ ދަށުން ޤަވާއިދުގެ ތެރެއަށް ވެއްދުމާއި، ބިދޭސީން މެނޭޖް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ.