ޚަބަރު

ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަކީ ބައިނަލްއަޤްވާމީ ޙަރަކާތެއް - މިނިސްޓަރ


ބެލްޖިއަމް ސްޓޭމްޕް ތަޢާރަފް ވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ "ރަން 50" އަހަރު ފާހަގަ ކުރުމަކީ މިހާރު ބައިނަލްއަޤްވާމީ ޙަރަކާތަކަށް ވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ޖެހި ބެލްޖިއަމް ސްޓޭމްޕް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅުދައްކަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވަނީ ފަތުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުން އަމިއްލަ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި އެފަރާތްތަކުން އެކަމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ދަށްވެގެން ގޮސްފައިވާ ކަމަށާ، އެހެން ނަމަވެސް މިހާރު ފަތުރުވެރިކަން އަނެއްކާވެސް ރަނގަޅުވެ ކުރިން ދަށްވެގެން ދިޔަ ސަބަބުތަށް ނެތެމުންދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިއޮތީ ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ތައްޔާރީ ޙާލަތުގައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ބެލްޖިއަމް ސްޓޭމްޕް އިފްތިތާޙު ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމީއްޔާތުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބު މުޙައްމަދާއި ރާއްޖެއިން ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ޞާބިރާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު އަހުމަދު ޝަފީޤު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޯވިޑްގެ ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްދާއިރު، ޔޫރަޕްގެ ޤައުމު ތަކުން ވެކްސިނޭޝަން ސެޓްފިކެޓާއެކު ދަތުރުކުރަން ތައްޔާރު ވަމުންދާކަން ފާހަގަކުރައްވައި ޑރ.މަޢުސޫމް ވިދާޅުވީ އެގޮތަށް އަންނަ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔާނެ ކަމަށެވެ.

ބެލްޖިއަމް ސްޓޭމްޕަކީ ބެެނެލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީއާއި ބޭލްޖިއަމްގެ ޕޯސްޓް ގުޅިގެން ތައްޔާރު ކޮށްފައިވާ ސްޓޭމްޕެކެވެ. މިފަދަ ސްޓޭމްޕަކީ މައުނަވީ އަދި ރަމްޒީ އެއްޗެއް ކަމުގައިވިއަސް މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚު ދައްކުވައިދޭނެ މުހިންމު ވަސީލަތަކަށް ވާނެކަން އެމްއެމްޕީއާރްސީން ފާހަގަ ކުރައްވައެވެ.

މިރަސްމީއްޔާތުގަ ބައިވެރިވެ ވަޑައިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު އަޙްމަދު ޝަފީޤް ވިދާޅުވީ ފަތުރުވެރިކަމުގެ ރަން ފަންސާސް އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޕޯސްޓް ލިމިޓެޑުން ވެސް މިކަމާއި ގުޅުވައި ޚާއްސަ ސްޓޭމްޕެއް ނެރޭނެ ކަމަށެވެ.