ޚަބަރު

މެންބަރު ޖާބިރުގެ ބޮޑުމޮހޮރާ އާއްމުންނަށް ހުޅުވާލަނީ!


ވ. އަތޮޅު ބޮޑުމޮހޮރާ އަންނަ މަހުން ފެށިގެން އާންމުންނަށް ދަތުރު ދެވޭގޮތަށް ހުޅުވާލާނެ ކަމަށް، އެރަށުގައި ރިސޯޓް ތަރައްޤީކުރަމުންދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ބޮޑުމޮހޮރާ އޮންނަނީ އަތޮޅުގެ ދެކުނުންނެވެ. މިރަށް މީގެ ކުރީން 1999 ވަނަ އަހަރުން 2009 ވަނަ އަހަރަށް މެރިން ރީސާޗު ސެންޓަރުގެ ތަހުލީލުތަކަށް ބޭނުންކޮށްފައެވެ. ބޮޑުމޮހޮރާއަކީ މީގެ ކުރިންވެސް ކައިރި ރަށްރަށުން މީހުން ދަތުރު ގޮސް އުޅުނު ރަށެކެވެ.

ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަކާއި ސަރުކާރުން ބޮޑު މޮހޮރާ މިދިޔަ އަހަރު ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު ހަދާފައިވާ އެގްރިމެންޓަކާއި އެއްގޮތަށެވެ.

ވ. ބޮޑުމޮހޮރާ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވަނީ "ޖާބިރު ހެޕީ ކްލަބް"ގެ ގޮތުގައެވެ. އެ ރަށް އާންމުންނަށް ދަތުރުދެވޭ ގޮތަށް ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ. އެއް ބިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން ބޮޑު މޮހޮރާގައި ރިސޯޓެއް ތަރައްޤީކުރަން ނިންމާފައިވާއިރު، އާންމުންނަށް ދެވޭ ގޮތަށް އެރަށް ހުޅުވާލަނީ އެއްވެސް ފީ އަކާއި ނުލައެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް ދަތިވެފައިވާ ދަނޑިވަޅެއްގައި މިރަށް ހުޅުވާލާނީ ފޭސް އެކެއްގެ ގޮތުގައި ކަމަށެވެ. އަދި ބޮޑު ޕްރޮޖެކްޓު އައުމުގެ ކުރީގައި މިތަން ހުޅުވާލާނީ ހުރިހާ ޙިދުމަތެއްވެސް ހިމެނޭ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޮޑު މޮހޮރާ ހިންގާ "ޖާބިރު ހެޕީ ކްލަބް"އިން ހުރިހާ ދިވެހި ރައްޔިތުންނަށް މަރުހަބާ ކިޔާނެ ކަމަށާއި ރަށަށް އާދެވޭނެ އުސޫލު ހެޕީ ކްލަބުގެ މެނޭޖްމެންޓުން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.