ރިޕޯޓް

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް މުޖުތަމައުން ޖާގަ ދޭންޖެހޭ


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބެލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުޅުއްވާލެއްވި ފުރުޞަތުގެ ބޭނުންހިފައި، "ދަރުމައަށްޓަކައި" މުޖުތަމަޢުން އެކުދިންނަށް ޖާގައެއް ދިނުމަށް މިނިސްޓްރީ އެފް ލޯރ އެންޑް ޖެންޑަރ ހިންގެވުމާ ޙަވާލުވެ ހުންނެވި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް އިލްތިމާސްކުރައްވައިފިއެވެ.ޖެންޑަރ މިނިސްޓްރީން، ސޯޝަލް ވޯކަރުންގެ މަސައްކަތުގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދެއްވުމަށް ހިންގެވި ޕްރޮގްރާމް ނިންމެވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ބަންޑާރަ ނައިބް އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ، ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް މިއަހަރު ރިކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށާއި މިއީ އިންތިޚާއަށް ކަންބޮޑުވާންޖެހޭ ކަމެއްކަމުގައެވެ. މިގޮތުން ކުޑަކުދިންނާ ގުޅުންހުރި އެގާރަ ސަތޭއަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާކަން ފާހަގަކުރައްވައި އަނިލް ވިދާޅުވީ، ކުޑަކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި މިފަދަ ޢަމަލުތައް ހުއްޓުވުމަށް މިފަދަ މައިން ބަފައިންނާއި ބެލެނިވެރިން ޒިންމާދާރު ކުރުވަން ކުރަންޖެހޭ މަސައްކަތްތައް ޤާނޫނީ ނިޒާމްގެ ތެރެއިން ކުރުމަށްޓަކައި އަންނަ އަހަރުން ފެށިގެން ޚާއްޞަ މަސައްކަތްތަކެއް ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ.ވިލިމާލޭގައި ހުރި ކުޑަކުދިންގެ ހިޔާގައި ސަތޭކަ އަށާރަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބިއިރު ބައެއް އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އަމާން ހިޔާތަކުގައި ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ހަތް ކުއްޖަކު އެބަތިބިކަމަށް އަނިލް ވިދާޅުވިއެވެ. ބަންޑާރަ ނާއިބް ވިދާޅުވީ މިކުދިންނަށް ބޭނުންވަނީ މިކުދިންނަށް އެދެނީ އަމާންހިޔާއާއި ކުޑަކުދިންގެ ހިޔާއިން ލިބޭ ރައްކާތެރިކަންނޫންކަމަށާއި މިކުދިންނަށް ބޭނުންވަނީ ޢާއިލާއެއްގެ ލޯބިކަމަށެވެ.މުޙައްމަދު އަނިލް ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށް ޚިދުމަތް ދިނުމަށް ޤައުމީ އޮނިގަނޑެއް އެކުލަވާލެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށާއި މިއަހަރުގެ ތެރޭގައި ހަތަރު އަތޮޅެއްގައި އެކަން ތަޖުރިބާ ކުރެވިގެންދާނެކަމަށެވެ. އަދި ކުޑަކުދިންނާމެދު ވެވޭ އިހުމާލާއި މައްސަލަތައް ވީހާވެސް މަދުކުރުމުގެ ގޮތުން އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑަރަން ސާވިސް ސެންޓަރ ތަކުގެ ބެޖެޓް ދެގުނައަށްބޮޑުކޮށް އަންނަ އަހަރުގެ ބަޖެޓްގައި އަތޮޅުތަކުގައި ހުރި ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރތަކަށް ތިރީސް މިލިޔަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވާކަމަށް ބަންޑާރަނައިބް ވިދާޅުވިއެވެ.މިއަދު ނިންމެވި ތަމްރީން ޕްރޮގްރާމްގައި މި ދާއިރާގައި މަސައްކަތްކުރާ އަށާވީސް ފަރާތަކުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. ޔުނިސެފްގެ އެހީގައި ހިންގެވި މި ތަމްރީން ޕްރޮގްރާމްގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި ގެވެށި އަނިޔާ އާއި ކުދިންގެ އުޅުން ތަފާތުވެގެން ހުށައެޅޭ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ނަތީޖާ ހާސިލްކުރުމަށްޓަކައި ސޯޝަލް ވޯކަރުން އަމަލުކުރަންވީ ގޮތް މި ޕްރޮގްރާމްގައި ދަސްކޮށްދެއްވިއެވެ.