ކުޅިވަރު

ލެސްޓަރއާ ވާދަކޮށް ވެސްޓް ހޭމް މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނގެންދިޔަ މިމެޗްގައި އެހެން މެޗް ތަކެކޭވެސް އެެއްގޮތަށް ވެސްޓް ހޭމްގެ ފެށުން ފެނުނީ ވަރަށް ރަނގަޅުކޮށެވެ. މިގޮތުން މެޗްގެ 29 ވަނަ މިނެޓްގައި ވެސްޓް ހޭމް ވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖެސީ ލިންގާޑެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިންގާޑްވަނީ ވެސްޓް ހޭމްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗްގެ 48 ވަނަ މިނެޓްގައި ޖެރޯޑް ބޮވެންވަނީ ވެސްޓް ހޭމްގެ ތިންވަނަ ލަނޑު ޖަހާދީފައެވެ. މިމެޗްގައި ލެސްޓަރއިން އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް ލެސްޓަރއަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަލޭޗީ އިއަނާޗިއޯއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީވެސް އިއަނާޗިއޯއެވެ. މިމެޗްގައި ލެސްޓަރގެ ތިން ކުޅުންތެރިން ކަމަށްވާ ޖޭމްސް މެޑިސަން އާއި ހަމްޒާ ޗައުދަރީ އަދި އަޔޯޒޭ ޕެރޭޒް ކޯވިޓް ޕްރޮޓޮކޯލްސް އާއި ހިލާފް ވުމުގެ ސަބަބުން މިމެޗްގައި ބައިވެރިކޮށްފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިހާރު ވަނީ އެޓީމް ކުޅުނު 31 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް އަނެއްކާވެސް ކުރިއަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމް އާއި ތިންވަނައިގާ އުޅޭ ލެސްޓަރ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ އެންމެ ޕޮއިންޓަކަށް ކުޑަވެފައެވެ. އެހެން ކަމުން ޗެމްޕިއަންސް ލީގުގެ ފަހު ދެޖާގައަށް އޮތް ވާދަވެރިކަން މިހާރު މިވަނީ އިތުރަށް ފޯރިގަދަ ވެގެން ގޮސްފައެވެ. މިދެޖާގައަށް ވާދަކުރާ ޓީމްތަކުގެ ތެރޭގައި މިދެޓީމްގެ އިތުރުން ޗެލްސީ އާއި ލިވަޕޫލް، ޓޮޓްނަމް ހޮޓްސްޕަރ އަދި އެވަޓަން ހިމެނެއެވެ.
މިމެޗުން ބަލިވުމުން ލެސްޓަރއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުުރުމަށް ލިބިފައިވި ފުރުސަތު މިހާރު މަޑުމަޑުން އަތުން ދޫވަމުންދާތަން ވަނީ ފެއްނަން ފަށާފައެވެ. ލެސްޓަރ މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތިންވަނައިގައެވެ.