ކުޅިވަރު

ހޮޓްސްޕަރއާ ވާދަކޮށް ޔުނައިޓެޑް މެޗް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޕަރސްގެ ހުނަރުވެރި ފޯވަޑް ސޮން ހެއުންގ މިންއެވެ. ސްޕަރސްއިން މިލަނޑު ޖެހުމުގެ ކުރިން ޔުނައިޓެޑްގެ އެޑިންސަން ކަވާނީ ވަނީ ސްޕަރސްގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. ނަމަވެސް އެހަމަލާ އުފެއްދުމުގެ ތެރޭގައި ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ ސްޕަރސްގެ ސޮންއަށް ފައުލް ކުރިކަމަށް ވީއޭއާރަށް ފާހަގަ ކުރެވުމާއި ގުޅިގެން އެބޯޅަ ލަނޑަކަށް ބަލާފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިމެޗްގެ ދެވަނަ ހާފަށް ޔުނައިޓެޑުން ނިކުތީ އެޓީމްގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރުކުރާށެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 57 ވަނަ މިނެޓްގައި ފްރެޑްވަނީ ޔުނައިޓެޑަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗްގެ 79 ވަނަ މިނެޓްގައި ކަވާނީވަނީ ޔުނައިޓެޑަށް މިމެޗްގެ ލިޑު ނަގައިދީފައެވެ. އަދި ޔުނައިޓެޑްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ މޭސަން ގްރީންވުޑެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންގޮސްފައިވެއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 11 ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ޔުނައިޓެޑް އެއްމެޗް މަދުން ކުޅެފައިވާތީ މިފަރަގު 9 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތުވެސް ޔުނައިޓެޑަށް ލިބިގެންވެއެވެ. މީގެއިތުރުން ތިންވަނައިގައި އުޅޭ ލެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ 8 ޕޮއިންޓަށް އިތުރު ކޮށްފައެވެ. މިމެޗުން ބަލިވުމުން ސްޕަރސް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު ތަކަށް މިވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ސްޕަރސް މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. އަދި ހަތަރުވަނައިގާ އުޅޭ ވެސްޓް ހޭމް ޔުނައިޓެޑާއި ދެމެދު 6 ޕޮއިންޓްގެ ތަފާތެއް މިހާރުވަނީ އުފެދިފައެވެ.