ވިޔަފާރި

ރާއްޖޭގެ 7 ސަރަހައްދެއްގައި ޖޮބް ސެންޓަރުގެ އޮފީސްތައް ހުޅުވަނީ


ރާއްޖޭގެ 7 ސަރަހައްދެއްގައި ޖޮބް ސެންޓަރުގެ އޮފީސްތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ އައިމިނަތު ނަޝްމީ ފަޒީލް ވިދާޅުވީ، ރާއްޖޭގެ 7 ސަރަހައްދެއްގައި ޖޮބް ސެންޓަރުގައި ޤާއިމްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން "ޖޮބް ޕޯޓަލް"ގެ ދަށުން ޤާއިމްކުރާ ޖޮބް ސެންޓަރުތަކުގެ ފުރަތަމަ ސެންޓަރު ޤައިމްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައިކަމަށް އައިމިނަތު ނަޝްމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޖޮބް ސެންޓަރާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށްޓަކައި މީހުން އެންމެ ގިނައިން ދާ ތަންތަނުގައި ކިއޮސްކްތައްވެސް މިހާރު ބަހައްޓާފައިވާކަމަށެވެ. މީގެއިތުރުން ކައުންސިލްތަކުން ފޯކަލް ޕޮއިންޓްތައް ތަމްރީންކޮށް، ޖޮބް ސެންޓަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެގޮތަށް ކަންތައްތައް ރާވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ފިޒިކަލް ޖޮބް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ދެން އަޅުގަނޑުމެންގެ ފުރަތަމަ ފިޒިކަލް ޖޮބް ސެންޓަރ ހުޅުމާލޭގައި ހުޅުވިގެންދާނެ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ. މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 7 ރަށެއްގައި ފިޒިކަލް ޖޮބް ސެންޓަރ ހުޅުވުމުގެ މަސައްކަތްތައްވެސް މިދަނީ ކުރަމުން. މި ފިޒިކަލް ޖޮބް ސެންޓަރއިން ޖޮބް ސެންޓަރ ޕޯޓަލްގައި ހުންނަ ހުރިހައި ޚިދުމަތްތަކެއް ލިބިގެންދާނެ. މީގެއިތުރުން ކެރިއަރ ގައިޑެންސް އަދި ކެރިއަރ ކައުންސިލިންގވެސް ހަމަ މި ޖޮބް ސެންޓަރ މެދުވެރިކޮށް ލިބިގެންދާނެ." އައިމިނަތު ނަޝްމީ ފަޒީލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރ ޕޯޓަލް އިތުރު ފީޗާރތަކާއެކު ދާދިފަހުން ވަނީ ރީ-ލޯންޗްކޮށްފައެވެ. ޖޮބް ސެންޓަރ ޕޯޓަލްއަށް މިހާރު ގެނައި ބަދަލުތަކާއިއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޕޯޓަލްގެ ތެރެއިން އިންޓަވިއު ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ވަޒީފާތަކެއް ކަނޑައެޅި އިނގިރޭސިބަހާއި ދިވެހިބަހުން މިހާރު ވެބްސައިޓް ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.