ކުޅިވަރު

ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 43 ވަނަ މިނެޓްގައި އެސްޓަންވިލާގެ ފޯވަޑް އޮލީ ވޮޓްކިންސްއެވެ. މިލަނޑާއެކު ވިލާއަތުން އަނެއްކާވެސް ލިވަޕޫލް ބަލިވެދާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ލިވަޕޫލުން ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗްގެ 57 ވަނަ މިނެޓްގައި މުހަންމަދު ސަލާ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހަށްފަހު އެންފީލްޑްގައި ކުޅުމުގެ ތެރެއިން ލިވަޕޫލަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. މިމެޗުން ލިވަޕޫލް މޮޅުވިލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑްއެވެ. މިއީ އެންފީލްޑްގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަމެޗުން ބަލިވުމަށްފަހު އެސްޓޭޑިއަމްގައި ކުޅެ މޮޅުވި ފުރަތަމަ މެޗެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގައި މިހަފްތާ ބަންދުގައި އެންމެ ފުރަތަމަ ކުޅުނު ތިން މެޗްގައިވެސް މޮޅުވި ޓީމް މޮޅުވި ލަނޑު ޖަހާފައިމިވަނީ މެޗްގެ އިތުރު ވަގުތުގައެވެ. މިގޮތުން ވުލްވްސް އާއި ފުލަމް ބައްދަލުކުރި މެޗާއި ސިޓީ އާއި ލީޑް ބައްދަލުކުރިމެޗް ހިމެނެއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިކާމިޔާބީގެ ސަބަބުން ޗެމްޕިއަންސް ލީގުގައި މިހަފްތާގައި ރެއާލް މެޑްރިޑާއި އެންފީލްޑްގައި ކުޅޭ މެޗަށް ތައްޔާރުވާއިރު އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި މިމެޗުން ބަލިވުމުން ވިލާ މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.