ދުނިޔެ

ޤައުމުތަކުން ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރު އެބަައޮތް - އދ


72 ޤައުމަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް ކޯވިޑް-19ގެ ސަބަބުން އިތުރު ވެފައިވާކަމަށް އދ. އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޔޫއެންޑީޕީއިން ކުރި ދިރާސާއިން ދައްކާގޮތުގައި 2021ވަނަ އަހަރާއި 2025ވަނަ އަހަރާ ދެމެދު ޤައުމުތަކުން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 598 ބިލިއަން އެމެރިކާ ޑޮލަރު ޢަދާކުރުމަށް ދަތި ވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެ ދިރާސާގައި ބުނީ ދަރަނީގެ މައްސަލަތައް އިތުރުވާނެކަމަށް ބެލެވޭ 72 ޤައުމުގެ ތެރެއިން ޖީ20ގެ ޤައުމުތަކުން ލޯނު ޢަދާކުރުމުގައި ދީފައިވާ ލުއިތަކަށް ޝަރުތު ހަމަވަނީ އެންމެ 49 ޤައުމުކަމަށެވެ. އެހެންކަމުން ޖީ20ގެ ފަރާތުން އެހެން ޤައުމުތައްވެސް ހިމެނޭނެހެން އިތުރު ލުއިތައް ދިނުން މުހިންމުކަމަށް ޔޫއެންޑީޕީއިން ބުނެއެވެ. މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތްތަނުގައި ޤައުމުތަކުގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށްވެސް އެ އިދާރާއިން ފާހަގަ ކުރެއެވެ.

ޔޫއެންޑީޕީއިން ބުނީ އެންމެ ގޯސް ޙާލަތުގައި 2030ވަނަ އަހަރުގެ ކުރިން އެއް ބިލިއަނަށްވުރެ ގިނަ މީހުން ފަޤީރުކަމުގެ އިންތިހާ ދަރަޖައަށް ދާނެކަމަށެވެ. އޭގެ ތެރެއިން 250 މިލިއަން މީހުން އެ ޙާލަތަށް ވެއްޓޭނީ ކޯވިޑްގެ ޙާލަތުގައި ނިންމާ ބައެއް ނިންމުންތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުގައިކަމަށް އެ އިދާރާއިން ބުނެއެވެ.

ކޯވިޑްގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ދިމާވާ ދަތިތަކާއި އުދަގޫތަކާ ކުރިމަތިލާން ޖެހޭނެކަމަށާއި އެ ކަންކަމަށް ސަމާލުކަން ނުދީފިނަމަ ޤައުމުތަކުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލް ނުކުރެވި ގިނަ އަހަރުތަކެއް ހިންގައިދާނެކަމަށް އެ އިދާރާއިން ބުނެއެވެ.
ޔޫއެންޑީޕީއިން ބުނީ 19 ޤައުމެއްގެ ޙާލަތު ވަކިން ނާޒުކު ކަމަށެވެ. ދަރަނީގެ ގޮތުގައި އަނބުރާ ދައްކަންޖެހޭ ފައިސާގެ ތެރެއިން 220 ބިލިއަން އެމެރިކާ ޑޮލަރަކީ އެ ޤައުމުތަކުން ނަގާފައިވާ ދަރަނިތައްކަމަށް އެ އިދާރާއިން ބުނެއެވެ. ފަޤީރު އަދި މެދު ފަންތީގެ ޤައުމުތަކަށް އެހީތެރިވުމަށް އައިއެމްއެފުން އެކުލަވާލާފައިވާ އެމަޖެންސީ ފަންޑުގެ ޢަދަދު އިތުރުކުރުމަށް މުއްސަނދި ޤައުމުތަކުން ފައިސާގެ އެހީތެރިކަން ދެވޭނެ ގޮތް އިންތިޒާމް ކުރުމަށްވެސް ޔޫއެންޑީޕީން ވަނީ ގޮވާލާފައެވެ.