ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިންޖެހި މީހުންގެ ޢަދަދު ލައްކައަކާ ގާތަށް


ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި ޖަހާ ވެކްސިން ރާއްޖެއިން ޖެހި މީހުންގެ ޢަދަދު ލައްކައަކާ ގާތްކޮށްފިއެވެ. ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޢަދަދު މިވަނީ 98،311އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށްދޭ ވެކްސިން 7،446 މީހުން ޖަހާފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ ލައްކައަކާ ކައިރިކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަކީ 98،311 އެވެ. އިތުރު 1،689މީހުންނަށް ވެކްސިން ދިނުމުން، މި ޢަދަދު ލައްކައަކަށް އަރާނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 4،825 މީހުންނާއި އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 2،621މީހުންނެވެ.

މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 69،725އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 28،586އަށް އަރާފައެވެ. ވޭތިވެދިޔަ 24 ގަޑިއިރު މާލޭގެ 9 ސެންޓަރުގައި ވެކްސިން ދިނުމުގެ ޚިދުމަތްދީފައިވެއެވެ. އަދި އަތޮޅުތަކުގެ 169ސެންޓަރެއްގައި ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 3 ހަފްތާވަނީ ވެފައެވެ. ރައްޖޭގައި އަދި ދެމުންދަނީ ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ވެކްސިންގެ ޑޯޒް ހަމަކުރެވޭނީ ދެ ޑޯޒް ޖަހައިގެންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ 8 ހަފްތާ ފަހުންނެވެ.

ކޯވިޑް-19 ވެކްސިން މިހާރު އަންނަނީ ޢުމުރުން 18 އަހަރުން މަތީގެ ހައިރސްކް މީހުންނަށްވެސް ދެމުންނެވެ. އަދި އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ރާއްޖެއަށްވަނީ ހަދިޔަކޮށްފައެވެ.