ވިޔަރެއާލްގެ ކުޅުންތެރިއެއްގެ ބޮލުގެ އިސްތަށިގަނޑަށް ދަމަގައިގަތުމުން ރެފްރީ ދެއްކި ރަތްކާޑާ ހެދި އިތުރު ސަސްޕެންޝަނެއް އައުމާ ގާތުގައި ހުރި ރެއާލް މެޑްރިޑްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ މައާފަށް އެދެފިއެވެ.
އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން ވިނީޝިއުސް މައާފަށް އެދުނީ ސްޕެނިޝް ލީގުގެ ކުރިއަށް އޮތް ދެ މެޗަށް ހާއްސަކޮށް އަންނަ ހަފުތާގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް އޭނާ ސަސްޕެންޑް ވެދާނެ ކަމަށް ބެލެވިފައިވަނިކޮށެވެ.
ރެފްރީ ޑިއާޒް ޑި މޭރާ އޭނާގެ މެޗު ރިޕޯޓުގައި ބުނެފައިވަނީ ވިނީޝިއުސް އަށް ރަތްކާޑު ދެއްކީ އޭނާގެ ނިންމުމާ ދެކޮޅަށް އަޑުގަދަ ކުރުމާއި އޭނާއާ ދިމާލަށް ނުރައްކާތެރިކޮށް އައުމާއި ވިނީޝިއުސްގެ ދިފާއުގައި ރެއާލްގެ ކުޅުންތެރިން އޭނާ ވަށާލައި ކުރިއަށް ދިޔަނުދިނުމުން،" ކަމަށެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިއެއްގެ ބޮލުގެ އިސްތަށިގަނޑަށް ފަހަތުން ދަމައިގަތުމަކީ ކުށެކެވެ. އަދި އެ ގަވާއިދު ބުނާ ގޮތުން މިކުށުގެ އަދަބެއްގެ ގޮތުން އެކެއް ނޫނީ ތިން މެޗަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ.
"ވަރަށް ބޮޑަށް މައާފަށް އެދެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން،" 26 އަހަރުގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ބުންޏެވެ.
މި މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެ ވިނީޝިއުސް ޖެހި ގޯލުން އޭނާ ހީކުރީ ރެއާލްގެ 1-0ގެ ލީޑު ފުޅާވީ ކަމަށެވެ. އަދި ގޯލުގެ އުފާފާޅު ކުރަން ކުޅުންތެރިންނާއެކު ކޯޗު ހޯސޭ މޮރީނިއޯ ވެސް ބައިވެރިވި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީން ނިންމީ ވިނީޝިއުސް ލަނޑު ޖެހުމުގެ ކުރިން އިދިކޮޅު ޑިފެންޑަރު ނަތަން ސަލީބާގެ އިސްތަށިގަނޑަށް ދަމައިގަތް ކަމަށެވެ. އެކަމަކު މިކަމާ ރުޅިއަރައިގަނެ އޭނާ ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. އަދި ރެފްރީ ވަށާލައި އޭނާ އުޅުނު ގޮތުން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އޭނާ އަށް ދަނޑުމަތީގައި ހުރެވޭގޮތްވީ އެންމެ 20 މިނިޓަށެވެ.
ރެފްރީގެ މި ނިންމުމާ ކޯޗު މޮރީނިއޯ ވެސް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާގެ އަމަލުތައް ހުރި ގޮތުން މޮރީނިއޯ އަށް ވެސް ރީނދޫ ކާޑު ދެއްކިއެވެ.
ވިޔަރެއާލްގެ ޑިފެންޑަރު ހުއާން ފޮއިތް ބުނީ ވިނީޝިއުސް ކުރީ ކުށެއް ކަމަށާއި ނަމަވެސް އޭނާގެ ގަސްތަކީ ކުޅުންތެރިޔާ އަށް އަނިޔާ ކުރުން ނޫން ކަމަށެވެ.
"އަހަރެންކަށް ހިޔެއް ނުވޭ އޭނާގެ ނިޔަތަކީ އަނިޔާ ކުރުންހެން. އެކަމަކު އެއީ ރަތް ކާޑެއް،" ފޮއިތް ބުންޏެވެ.