ޚަބަރު

ރޭގަނޑު 8:00ގެ ފަހުން ކެފޭތައް އާއްމުކޮށް ހުޅުވުން މަނާ


ރޭގަނޑު 20:00 ގެފަހުން މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތްދިނުން މަނާކޮށްފިއެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ ކޯވިޑް-19ގެ ޙާލަތު ގޯސްވަމުންދާތީ ރައްކާތެރިވުމުގެ ގޮތުން މިގޮތަށް ނިންމަވާފައިވަނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކަމަށެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅެއްގެގޮތުގައި އަންނަ ހޮނިހިރުދުވަހުގެ ރެއިން ފެށިގެން މާލެ ސަރަޙައްދުގެ ކެފޭ،ރެސްޓޯރެންޓުތަކުގައި ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތްދިނުން މިވަނީ މަނާކުރައްވާފައެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ މިގޮތަށް ނިންމަވާފައިވީނަމަވެސް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދިނުމުގައި ހުރަހެއް ނެތްކަމަށެވެ. މި ޚިދުމަތް ރޭގަނޑު 10:30އާއި ހަމައަށް ދެވޭނެއެވެ.

މާލެ ސަރަޙައްދުތަކުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 06:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތަކަށް، އެޗްޕީއޭގެ ހުއްދަ ދަނީ ދޫކުރަމުންނެވެ.

"އަޅުގަނޑުމެން ފިޔަވަޅުތަށް މިއަޅަނީ ކޭސްތަކުގެ އަދަދުތައް އިތުރުވަމުން އަންނަގޮތްތަކަށް ބަލާ. ކުރިއަށް އޮތް ތާންގައި ކޭސްތަކުގެ އަދަދަށް ބަލައި ފިޔަވަޅުތަށް އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރަށް މާލެ ސަރަޙައްދުގައި އޮފީސްތަކުން ޚިދުމަތްދޭ ގޮތްތަކަށްވެސް ބަދަލުގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގައިވެސް، މިދުވަސްވަރު މުވައްޒަފުން އޮފީހަށް ނެރެންވާނީ މަސައްކަތަށް ނެރެގެން ނޫނީ ނުކުރެވޭކަހަލަ މަސައްކަތަކަށް އެކަނިކަމަށަ އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އެގޮތުން ޢަމަލީ މައިދާނަށް ނިކުމެ މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށް އިސްކަންދީ، ގޭގައި އޮންލައިންކޮށް މަސައްކަތްކުރެވޭނެ މުވައްޒަފުން އެގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށްވަނީ އަންގަވާފައެވެ.