ޚަބަރު

ވައިގެ ހަމަލާއެއްގައި މައިނެއްގައި މަސައްކަތްކުރާ ސޫދާނުގެ 72 މީހުން މަރުވެއްޖެ


ސޫދާނާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަން މައިނަކަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 72 މަސައްކަތްތެރިން މަރުވެފައިވާ ކަމަށް، ސޫދާނުގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ބުނެފިއެވެ.

މި ހަމަލާ ދިނީ މިޞްރުގެ އަސްކަރިއްޔާއިން ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

މި ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި، މި ހަމަލާ ދިނީ މިސްރުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސޫދާނުގެ ސަރަޙައްދުގެ ތެރޭގައިވާ އުތުރު ވާދީ ސަރަހައްދުގައި އޮންނަ މައިނަކަށެވެ. އަދި ފުރަތަމަ ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، މި ހަމަލާގައި 72 އާންމުން މަރުވެފައިވާކަމަށް ބުންޏެވެ.

ނަމަވެސް، މިޞްރުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރަން ނަގާ ސަރަޙައްދެއް ކަމަށްވާ ޖަބަލް އަލް-އުޤައިދާގެ ފަރުބަދަމަތީ ސަރަޙައްދަށް މިއީ މިއަހަރު ދިން ދެވަނަ ހަމަލާއެވެ. މިދިޔަ ޖޫން މަހު ވެސް މިޞްރުން ދިން ކަމަށް ބުނާ ހަމަލާތަކެއްގައި އެ ސަރަޙައްދުން 23 މަސައްކަތްތެރިން ވަނީ މަރުވެފައެވެ.

މިޞްރުގެ އަސްކަރިއްޔާއިން އޭރު ބުނެފައިވަނީ، އެޤައުމުގެ ސަރަޙައްދުގެ އެތެރޭގައި ޤަވާޢިދާ ޚިލާފަށް ރަން ނެގުމާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

ސޫދާނާއި މިޞްރުގެ ސަރަޙައްދީ ރޮނގަކީ، ޤުދުރަތީ ވަޞީލަތްތައް ގިނަ ސަރަޙައްދެކެވެ. އޭޕްރީލް 2023 އިން ފެށިގެން ސޫދާނުގެ އަސްކަރިއްޔާއާއި ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ، އާރްއެސްއެފްއާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި 200،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބޮޑު އިންސާނީ ކާރިސާއެއް ވަނީ އުފެދިފައެވެ.