ޚަބަރު

ތަރައްޤީގެ އެންމެބޮޑު މަޝްރޫޢަކީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުން - ރައީސް


ބާރުތައް ރައްޔިތުންނަށް ދޫކޮށްލައި ހަޤީޤީ މާނާގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމަކީ އެމްޑީޕީން މާކުރިން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިނތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުން "ރަށްވެހި ފަތިސް، އަލިވިލުން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙްވަނީ ލާމަރުކަޒީ ނިޒާމާއި، ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެ އޭރާއު މިހާރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އަތުގައި އޮތް އިޚްތިޔާރަކާއި ނުވަތަ ބާރެއް ދޫކޮށްލުމަކީ، އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫންކަމަށާ، ހިތް ނޭދޭ މިނިންމުން، ހިލޭ ސާބަހަށް، ހިތުންރުހުމުން ނުނިންމޭތީ ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުން މިއަދާހަމައަށްވެސް އޮތީ ނުކުރެވި ލަސްވެފައިކަމަށްވެ.

"ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހައްމަލުކުރަންޖެހޭ ތަކުލީފުތައް، އަޅުގަނޑުމެން އެމްޑީޕީއަށް އަބަދުވސް ވަރަށް ސާފު. އެމަންޒަރާއި އޭގެ ތަޖުރިބާ، އަޅުގަނޑުމެން މިތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް، އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް، އެބާރުތައް، އޭގެ ހަޤީޤީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާކުރިން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު ޕްރޮޖެކްޓް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ޒަމާނުއްސުރެ ރައްޔިތުންގެ މައްޗަށް މަރުކަޒީ ބާރައި އަމުރު ހިންގަމުންއައި ރާއްޖޭގެ ވެރިކަން ރައްޔިތުންނާއެކު އެރައްޔިތުންގެ ބައިވެރިވުމާއެކު ހިނގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިއޮތީވެސް ލާމަރުކަޒީ ސިފަޔަށްކަމަށާ، އެނިޒާމުގެ ތެރެއިންނޫނީ ރައްޔިތުންނަށް ހަޤީޤީ ތަރައްޤީއާއި ކުރިއެރުން ގެނެސްނުދެވޭނެކަމަށެވެ.

"ރާއްޖެ އުފެދި އެކުލެވިފައި މިއޮތީ ލާމަރުކަޒީ ސިފަޔަށް.ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފަޔަށް. ދިވެހިންގެ ޠަބީޢަތާ އެއް ބައްޓަމަށް ދިވެހިންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ. އަތޮޅުތަކާއި ރަށްތަކަށް ބާރުތައް ލިބިދޭވާހަކަ މަޖިލިސްގެތެރޭގައި ދެކެވުނުއިރު، އެއާދެކޮޅަށް ހުރި އޮއިވަރު އަޅުގަނޑު ދުށިން. އޭރުއެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަމެއް. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަމެއް. މިނިޒާމު ލާހިކުވެ ފައްކާވުމަށްޓަކައި، އެންމެފުރަތަމަ މިކަމަށް ރުހި ޤަބޫލުވެ، ދަސްވެ އަހުލުވެރިވާންޖެހޭ. އެމްޑީޕީއަކީ އެމީހުން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމަށް އެންމެފުރަތަމަ ވަކާލާތުކުރަން ފެށީ އެމްޑީޕީކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. މިނިޒާމު ޤާއިމުކުރާއިރު ލާމަރުކަޒުވުން ލާޒިމް ޚާއްސަ ދާއިރާތަކެއް އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެންމެފުރަތަމަ ލާމަރުކަޒުވާން ޖެހެނީ، ތަރައްޤީކަމަށާ، އެތަރައްޤީގެ އަސާސަކީ ތަޢުލީމާއި ހުނަރާއި އިންސާނީ ވަޞީލަތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއާއި އަދި ދިރިއުޅުމުގެ އަސާސީ ޒަރޫރުތަޚާއި ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތާއި ދަތުރުފަތުރާއި މުވާޞަލާތުގެ ހުރިހާ ދާއިރާތަކަކީ ކޮންމެހެންވެސް ލާމަރުކަޒުވާންޖެހޭ ކަންކަންކަމުގައި ރައީސް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި މިއޮތް ކޯވިޑް-19ގެ ޙާލަތާއެކުވެސް، އެކިއެކި ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މުހިންމުކަން ހާމަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ޞިއްޙާދާއިރާ ލާމަރުކަޒުކުރުމުގެ ބޭނުންތެރިކަން ކަށަވަރުވެއްޖެކަމަށާ، ރަށްރަށުގައި ވަކިން ޓާސްކްފޯސްތައް ހަދައިގެން ފުރިހަމަކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ، އަތޮޅުތަކުގެ ޙާލަތު ގޯސްވެގެން ދިޔައީސްކަމަށް ރައީސް ވިދާޅުވިއެވެ.