ޚަބަރު

މާޒިޔާ 7ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި


ފުޓުބޯޅަ ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް މާޒިޔާއިން ހަތްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

އެންމެ ފަހުން ނިއުރޭޑިއަންޓުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 2014 ވަނަ އަހަރުގައެވެ. އަނެއްކޮޅުން މާޒިޔާ އަކީ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ކާމިޔާބު ޓީމެވެ. މާޒިޔާއިން ވަނީ ފަސް ފަހަރެއްގެ މަތިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

ހުކުރު ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ ނަތީޖާއަކުންނެވެ.

މި މެޗުގެ ހަތަރު މިނިޓްގައި ނިއުރޭޑިއަންޓުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މިއީ ލުއިސް ގޮމޭސް ޑަ ސިލްވާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން އަރައި ގޯލުގެ މަތީ ކަނަށް ވައްދައިލައިގެން ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ ކާމިޔާބުކޮށްދިން ގޯލެކެވެ. ޑޮރިއެލްޓަން އަކީ މި ސީޒަނުގައި ނިއުރޭޑިއަންޓާ ގުޅުނު ކުޅުންތެރިއެކެވެ.

އޭގެ ހަ މިނިޓް ފަހުން ނިއުރޭޑިއަންޓުގެ ޑޮރިއެލްޓަން އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ރޮނގުމަތިން ޑޮރިއެލްޓަން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 15 ވަނަ މިނިޓްގައި މާޒިޔާގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 36 ވަނަ މިނިޓްގައި ނިއުރޭޑިއަންޓުގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލު ޖަހައި ނިއުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އީތަން އިބްރާހީމް ޒަކީ މުޅިން ހުސްކޮށްލާފައި ފާސިރަށް ދިން ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް މާޒިޔާގެ އީލަން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. މިއީ މާޒިޔާގެ އަހުމަދު އައިހަމް މުޅިން ހުސްކޮށްލާފައި އީލަން އަށް ދިން ބޯޅައެއް ނިއުރޭޑިއަންޓްގެ ކީޕަރު ބޯމަތިން ފޮނުވާލައިގެން އިލާން ކަމިޔާބުކުރި ގޯލެކެވެ.

އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮރިއެލްޓަން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން މާޒިޔާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 51 ވަނަ މިނިޓްގައި މަހުދީ ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ. އަދި މެޗުގެ 65 ވަނަ މިނިޓްގައި މާޒިޔާގެ އީލަން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ އަހުމަދު އައިހަމް ނަގައިދިން ހުރަހެއް މުޅިން ހުސްކޮށްހުރެ އީލާން ގޯލުގެ ތެރެއަށް ފޮނުވައިލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ލަނޑަށްފަހު ވެސް މާޒިޔާ އަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މާޒިޔާގެ އީލަން އަދި އައިހަމް އަށް ލިބުނު ފުރުސަތުތައް ފާގަކޮށްލެވެއެވެ.

މެޗުގެ 90 މިނިޓް ހަމަވިއިރު، 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މާޒިޔާގެ ފުރަތަމަ ޕެނަލްޓީ އީލާން ކާމިޔާބުކުރިއިރު، ނިއުރޭޑިއަންޓްގެ ފުރަތަމަ ޕެނަލްޓީ ޖެހި ޑޮރިއެލްޓަން ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މާޒިޔާގެ ދެވަނަ ޕެނަލްޓީ އައިހަމް ކާމިޔާބުކޮށްދިންއިރު، ނިއުގެ ދެވަނަ ޕެނަލްޓީ ނާއިމް ޖެހިއިރު، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މާޒިޔާގެ ތިންވަނަ ޕެނަލްޓީ އައިސަމް ކާމިޔާބުކޮށްދިންއިރު، ނިއުގެ މޫސާ ޔާމިން ފޮނުވާލި ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

މާޒިޔާގެ ހަތަރުވަނަ ޕެނަލްޓީ އައިދު މުހައްމަދު ކާމިޔާބުކުރިއިރު، ނިއުގެ ހަތަރުވަނަ ޕެނަލްޓީ އަހުމަދު އަބްދުﷲ ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުން މާޒިޔާ މޮޅުކޮށްދިން ޕެނަލްޓީ އެ ޓީމަށް ޖަހައިދިނީ ހައިޝަމް ހަސަންއެވެ.

މާޒިޔާއިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.