ޚަބަރު

ކުޅުދުއްފުށީގެ އިތުރު މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ޙަވާލުކޮށްފި


ހދ.ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. އެރަށުގައި ފުރަތަމަ ފިޔަވަހީގެދަށުން ކުރިއަށްގެންދިޔަ މަސައްކަތްތައް މުޅިން ނިމިފައިވަނީ 2018ވަނަ އަހަރުއެވެ.

ހދ.ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފަރޫޤްއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ މޫސާ ޢަލީ މަނިކެވެ.

މި މަޝްރޫޢުގެދަށުން ތަރައްޤީކުރާ މަގުތައްވެސް ތަރައްޤީކުރަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. ދެވަނަ ފިޔަވަހީގައި ކުޅުދުއްފުށީގެ 6 ކިލޯމީޓަރުގެ މަގުގައި ތާރިއަޅައިގެން ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގުބައްތި ޖެހުންވެސް ހިމެނެއެވެ.

މި މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 100.7 މިލިއަން ރުފިޔާއަށެވެ. މުޅި މަޝްރޫޢުގެ މަސައްކަތް އެއް އަހަރާއި ހަ މަސް ދުވަހުން ނިންމުމަށްވަނީ އެއްބަސްވެފައެވެ.

ސިއްޙީ ޚިދުމަތް ހޯދުމާއި އެހެނިހެން ޢާއްމު ޚިދުމަތްތައް ހޯދުމަށް ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ޒިޔާރަތްކުރެއެވެ. މިއާއެކު ސަރުކާރުންދަނީ ކުޅުދުއްފުއްޓަށް އުމްރާނީ ބޮޑެތި ކުރިއެރުންތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުއްޓަވީ ވިއްސާރަވެއްޖެނަމަ ފެންބޮޑުވުމުގެ މައްސަލަތައްވެސް ވަރަސް ބޮޑަށް ދިމާވާ ރަށެކެވެ. މަގު ހެދުމާއި ފެން ހިންދާ ނިޒާމާއިއެކު، ތަރައްޤީކުރާ މަގުތަކުގެ ފެން ބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ.

ފުރަތަމަ ފިޔަވަހީގައި ކުޅުދުއްފުށީ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ފެށީ 2016ވަނަ އަހަރުއެވެ. އޭރު މި މަސައްކަތްކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއާރްޑީސީންނެވެ. ފުރަތަމަ ފިޔަވަހީގައި އެރަށުގެ 18 މަގެގައި ތާރު އަޅައިގެން ހަދާފައިވެއެވެ. މި މަސައްކަތް މުޅިން ނިމިފައިވަނީ 2018ވަނަ އަހަރުއެވެ.