ކުޅިވަރު

ޗެޕްމިއަންސް ލީގް ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ސިޓީއަށް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގައި އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ އާއި ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޖަރުމަނުވިލާތުން އަޅަފައިވާ ފިޔަވަޅު ތަކާއި ގުޅިގެން ހަންގޭރީގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޖަހައިދިނީ ބެނާޑޯ ސިލްވަރއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހައިދިނީ ފޯވަޑް ގެބްރިއަލް ޖޭސުސްއެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ސިޓީގެ ކުޅުންތެރިންނަށް ލިބި ބޭކާރުވެގެންދިޔައެވެ. އަދި ގްލަޑްބެކްއަށް މިމެޗްގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. އަނިޔާ އާއި ކޮރޯނާ ވައިރަހުގެ ސަބަބުން ގިނަ ދުވަސް ތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ސިޓީގެ ތަޖްރިބާކާރު ފޯވަޑް ސަރޖިއޯ އަގުއެރޯވަނީ މިމެޗްގެ ދެވަނަ ހާފްގައި ކުޅެން އަރުވާފައެވެ.

މިކާމިޔާބީއާއެކު މި މުބާރާތުގެ ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ސިޓީއަށް މިވަނީ ބޮޑުވެފައެވެ. އަދި މިއީ އެޓީމް ރަށުން ބޭރުގައި ކުޅެ ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި ޖެހިޖެހިގެން މޮޅުވި 18 ވަނަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފުން މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހިފައިވާ ކަމަށެވެ. މިމެޗް އޭނާގެ ކުޅުންތެރިން ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށާއި ނަމަވެސް ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެގެން ދިޔަ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކުގައި ކުރިއަށް ދާން ބޭނުންނަމަ ލިބޭ ފުރުސަތު ތަކުގެ ބޭނުން މިއަންވުރެ ރަނގަޅަށް ހިފަން ޖެހޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 16 ވަނަ ދުވަހު ސިޓީގެ ދަނޑުގައެވެ.