ކުޅިވަރު

ޗެމްޕިއަސް ލީގް ކްއާޓަރ ފައިނަލުން ޖަގައެއް ހޯދުމާ ގާތަށް ރެއާލް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ގައި ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓާލިއަން ސެރިއާގެ އެޓަލާންޓާ ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފިއެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 17 ވަނަ މިނެޓްގައި އެޓަލާންޓާގެ ރެމޯ ފްރެއުލަރއަށް ރަތް ކާޑު ދެއްކުމުން މިމެޗްގެ ބޮޑު ބައި އެޓީމް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ރެއާލްގެ ފަރލަންޑް މެންޑީއަށް ލަނޑު ޖަހަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާއަށް ފައުލް ކުރުމުންނެވެ. މިމެޗްގައި ރެއާލްއިން ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓަލާންޓާގެ ގޯލަށް ބޯޅަ ވައްދާލެވޭވަރުވީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މެންޑީއެވެ. މިމެޗްގައި އެޓަލާންޓާއިން ގިނަ އިރު އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމުގެ ސަބަބުން މިމެޗްގައި ބޮޑަށް ފެނުނީ ޑިފެންސަށް އިސްކަން ދީގެން ކުޅުނު ތަނެވެ. އަދި ރެއާލްގެ ގިނަ ހަމަލާތަކެއް އެޓީމުންވަނީ ކާމިޔާބުވިޔަ ނުދީ ހިފަހައްޓާފައެވެ.

މިމެޗްގައި ރެއާލްއިން ކުޅެމުންދިޔައީ އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިން ތަކަކާއި ނުލައެވެ. މިގޮތުން ކެޕްޓަން ސާޖިއޯ ރާމޯސް އާއި ފޯވަޑް ކަރިމް ބެންޒީމާ އާއި އެޑެން ހަޒާޑާއި ޑާނީ ކާވަހާލް މިމެޗްގައި ނުކުޅެއެވެ.

މިކާމިޔާބީއާއެކު މި މުބާރާތުގެ ކްއާޓަރ ފައިނަލުން ޖަގައެއް ހޯދުމަށް ރެއާލް އިން މިވަނީ އެއް ފިޔަވަޅު ގާތަށް ޖެހިލާފައެވެ. މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 16 ވަނަ ދުވަހު ރެއާލްގެ ދަނޑުގައެވެ.