ޚަބަރު

އެމެރިކާގެ ރެކޯޑު އަދަދެއްގެ މީހުން އީރާނު ހަނގުރާމައާ ދެކޮޅު


އެމެރިކާގެ ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ ރެކޯޑު ޢަދަދެއްގެ މީހުން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ކަމަށް ސާވޭއަކުން ދައްކައިފިއެވެ.

ފޮކްސް ނިއުސްއިން ޝާއިޢުކޮށްފައިވާ ސާވޭގައި ބުނީ ވޯޓުލާ މީހުންގެ 78 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގައި ފެށުނު މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޢަމަލުކުރަންވީ ގޮތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަކަށް ނޭނގެއެވެ. އޭގެ ސަބަބުން ތަކެތީގެ އަގު އުފުލި ތެލުގެ އަގު ވެސް އިންތިހާއަށް ވަނީ އުފުލިފައެވެ.

ފޮކްސް ނިއުސްއިން ސާވޭގެ ނަތީޖާ ޝާއިޢުކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގައި އޮންނަ އެމެރިކާގެ މެދު ދައުރުގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލާ މީހުން ވޯޓުލާން ފެށުމަށް އެއް ދުވަހަށް ވެފައި ވަނިކޮށެވެ. އާންމުންގެ މެދުގައި މަގުބޫލު ކަމެއް ނެތް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ ސަރުކާރުގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހޭ މީހުންގެ ނިސްބަތް ވަނީ 61 އިންސައްތައަށް އިތުރުވެފައެވެ.

ސެޕްޓެމްބްރު މަހުގެ މެދުތެރޭގައި ކޮށްފައިވާ މި ސާވޭއިން ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅުމަކީ ގޯސް ނިންމުމެއް ކަމަށް ވޯޓުލާ މީހުންގެ 60 އިންސައްތަ މީހުން ޤަބޫލުކުރާ ކަމަށް ހާމަވެފައެވެ. އޭގެ އިތުރުން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސަލާމަތާ ބެހޭ ކަންބޮޑުވުންތައް ގިނަ ބައެއްގެ މެދުގައި އޮތް ކަމަށް ވަނީ ފާހަގަވެފައެވެ. ވޯޓުލާ މީހުންގެ 47 އިންސައްތަ ޤަބޫލުކުރާ ގޮތުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސަލާމަތްތެރިކަން ދުރު ރާސްތާގައި ދަށަށް ދާނެއެވެ. އޭޕްރިލް މަހުގައި ކުރި މި ފަދަ ސާވޭއެއްގައި އެ ގޮތަށް ޤަބޫލުކޮށްފައި ވަނީ ވޯޓުލާ މީހުންގެ 39 އިންސައްތައެވެ. ހަނގުރާމައިގެ ސަބަބުން އެމެރިކާއަކީ އިތުރަށް ރައްކާތެރި ޤައުމަކަށް ވާނެ ކަމަށް ޤަބޫލުކުރަނީ އެންމެ 32 އިންސައްތަ މީހުންނެވެ.

މެދުދައުރުގެ އިންތިހާބުގައި ދުރާލާ ވޯޓުލުން ހަ ހަފްތާގެ މުއްދަތަށް ދެމިގެން ދާނެއެވެ. އެ އިންތިޚާބުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއާއި ސެނެޓުގެ ވޯޓުލުން ވެސް ކުރިއަށް ދާނެއެވެ. އިންތިޚާބުގައި ޑިމޮކްރަޓުންނަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެ ނަމަ، އެމެރިކާގެ ރައީސްގެ މަޤާމުގައި ޑޮނަލްޑް ޓްރަމްޕް ހޭދަކުރެއްވުމަށް ބާކީ އޮތް ދެ އަހަރުގެ ކަންކަމަށް ބަދަލުތައް އައުން ގާތެވެ.