ޚަބަރު

ދިވެހި ސަފީރު ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި


ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤު، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި ސްރީލަންކާގެ ދެމެދު އޮންނަ ޒަމާންވީ ގުޅުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ސިއްޚީ ދާއިރާ އާއި ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމާބެހޭ ގޮތުންވެސް ދެބެފުޅުން މަޝްވަރާ ކުރެއްވިއެވެ.

ކޯވިޑް 19 އާއި ގުޅިގެން ދެ ޤައުމަށްވެސް ކުރަމުންދާ އަސަރުތަކާއި އަދި މިބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ސްރީލަންކާގެ ބޮޑުވަޒީރުގެ ސަމާލުކަމަށް ދިވެހި ސަފީރު ގެންނެވިއެވެ. އަދި ސްރީލަންކާއިން ދިވެހިރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް
ސަފީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.