ފުރަތަމަ ފަހަރަށް ރާއްޖެ ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ނަމުގައި ބާއްވާ ސުކޫލު ކުދިންނަށް ހާއްސަ ޓީޓީ މުބާރާތް ފަށައިފިއެވެ.
މި މުބާރާތުގައި ޖުމްލަ 17 ސުކޫލަކުން 130 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިޔަށްދާނީ 14 އޭޕްރީލުން 30 އޭޕްރީލުގެ ނިޔަލަށް މަލޭ ޓީޓީ ހޯލުގައެވެ.
މުބާރާތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ޑިވެލޮޕްމެންޓް އޮފިސަރ އައިޝަތު އަލީފާ ބުނީ ޖުމްލަ 596 މެޗު މި މުބަރާތުގައި ކުޅޭނެ ކަމަށެވެ. އަދި މި މުބާރާތަށް ކުޅުންތެރިން ތައްޔާރުކުރުމަށް ސުކޫލުތަކުންނައި ބެލެނިވެރިން ދުރާލާ ތައްޔާރުވިކަމަށާއި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.
މި މުބާރާތަކީ 13 އަހަރުން ދަށް 15 އަހަރުންދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންގެ މެދުގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.