ޚަބަރު

"މިއީ ފުޓްސަލް ޓީމަށް ރަސްމީ ހައިސިއްޔަތު ލިބުނު ފުރަތަމަ ފަހަރު"


  • އެފްއޭމުން އެކުލަވާލި ފުޓްސަލް ޓީމު ފުރަތަމަ ބައިވެރިވީ ސާފް ޗެމްޕިއަންޝިޕްގައި

  • އެމުބާރާތުން ރާއްޖެ ވަނި ތާރީހީ އެއްވަނަ ހޯދާފަ

ރާއްޖޭގައި ފުޓްސަލްގެ ގައުމީ ޓީމެއް ފުރަތަމަ އެކުލަވާލި 02 ޑިސެމްބަރު 2025 ގައި ކަމަށާއި، މިއީ ގައުމީ ޓީމެއްގެ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަނުން ސްކޮޑެއް އެކުލަވާލާ ގައުމީ ޓީމެއްގެ ރަސްމީ ހައިސިއްޔަތު ލިބިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ރާފިޢު ވިދާޅުވީ އެ ޓީމުން ތައިލޭންޑްގައި ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޗައިނާއަށް ފޮނުވައިގެން ރަނގަޅު ކޭމްޕެއް ބޭއްވުނު ކަމަށެވެ. އަދި އެ ކޭމްޕްގެ ސަބަބުން ރަނގަޅު ކާމިޔާބީއެއް އެ ކުޅުންތެރިން ހޯދި ކަން ފާހަގަކުރެއްވިއެވެ.

ޖެނުއަރީގައި ތައިލޭންޑްގައި ބޭއްވި އެ މުބާރާތުން ރާއްޖެއިން ވަނީ ސަރަހައްދީ ގައުމުތައް ފަހަތަށް ޖައްސާލާ ސަރަހައްދުގެ އެއްވަނަ ހޯދާފައެވެ. ފުރަތަމަ ފަހަރަށް ފުޓްސަލް ޓީމަށް ބޭރު ކޯޗެއް ހަމަޖައްސައިގެން ރާއްޖެއަށް ސަރަހައްދުގެ އެއްވަނަ ލިބުނު އެ މުބާރާތުގެ ވާހަކަ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ މުބާރާތަށް ރާއްޖޭ ނިކުތީ އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުންނެވެ.

މި މުބާރާތަށް ފަހު އެނބުރި ރާއްޖެ އައި ފުޓްސަލް ޓީމުން އެންމެ ބޮޑަށް ފާހަގަކުރީ ރާއްޖޭގައި އިންޑޯ ޕިޗެއް ނެތުމުގެ ވާހަކައެވެ. ފުޓްސަލް ކޮމިއުނިޓީއަށް އެންމެ ބޭނުންވާ އިންޑޯ ޕިޗާއި އިންޑޯ ސްޓޭޑިއަމްގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަސައްކަތެކެވެ. އަދި އެއްވެސް ތަފާތުކުރުމެއްނެތި ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭން ޖެހޭ އިނާޔަތްތައް ދިނުމާއި، ފުޓްސަލް ކޮމިއުނިޓީން އެދޭ ކަންކަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ފުޓްބޯޅަ އެސޯސިއެޝަނުންވަނީ، ޤައުމީ ފުޓްސަލް މުބާރާތަކާއި ފުޓްސަލް ލީގެއް ކުޅެން ނިންމަ، މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން އެކަމަށް ބޭނުންވަ ބަޖެޓު ވެސް ފާސްކޮށްފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އެ ފުޓްސަލް މުބާރާތް ބޭއްވުމަށްޓަކައި އަދި ފުޓްސަލް ލީގު ވެސް ފެށުމަށްޓަކައި މި އަހަރު މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.