ވިޔަފާރި

"މާލޭ ވިޔަފާރި ބަނދަރަށް ދެން ވަދެވޭނީ ޚާއްސަ ތަމްރީނެއް ފުރިހަމަކޮށް ފާސްލިބޭ މީހުންނަށް އެކަނި"


މާލެ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަން ވަރުގަދަ ކުރުމުގެ ގޮތުން، ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބަނދަރަށް އެކި ބޭނުންތަކުގައި ވަންނަ ފަރާތްތަކަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ފަށައިފިއެވެ.

"ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެމް.ޕީ.އެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީ.އީ.އޯ ޝާހިދު ޢަލީއެވެ.

އެމް.ޕީ،އެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަން މިހާރަށްވުރެ ފުރިހަމަކުރުމަށް ކުރާ މަސައްކަތްތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ ކަންކަން މިހާރު ހަމަޖެހިފައިވާގޮތުން ޕޯޓުގެ އޮޕަރޭޝަން އޭރިއާއި ކްލިއަރިންގެ މަސައްކަތްތައްވެސް ކުރަން ޖެހެނީ އެއް ސަރަޙައްދެއްގައިކަމަށެވެ. އެހެންވުމުގެ ސަބަބުން އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން، ކްލިއަރިން ގްރޫޕްތަކުގެ އޭޖެންޓުންނާއި ޑްރައިވަރުންނާއި، ކޮންސައިނީގެ ފަރާތުންވެސް ގިނަ ބަޔަކު ބަނދަރު ސަރަޙައްދަށް ވަދެނުކުމެހަދާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފަހުން ހިނގާފައިވާ ހިތާމަވެރި ޙާދިސާތަކުގައި ގިނައިން އަނިޔާވެފައިވަނީވެސް މިގޮތަށް ބަނދަރަށް ވަދެ މަސައްކަތްކުރާ އޭޖެންޓުންނާއި ކްލިއަރެންސް މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އަލަށް މިފަށާ އިންޑަކްޝަން ޕްރޮގްރާމުގެ ބޭނުމަކީ ބަނދަރުގައި ހަރަކާތްތެރިވާ އެމް.ޕީ.އެލްގެ މުވައްޒަފުންނާއި، އަދި އެނޫން ގޮތްގޮތުންވެސް ބަނދަރަށް މަސައްކަތް ކުރުމަށް ވަދެނުކުންނަށް ފަރާތްތަކަށް ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކާއި، އުޞޫލުތަކާގުޅޭގޮތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުންކަމަށެވެ. އަދި މިއީ 6 ގަޑިއިރަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށާއި، ކުރިއަށްއޮތްތަނުގައި ބަނދަރަށް ވަދެވޭނީ މި އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަކޮށް ފާސްލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"މި ތަމްރީންގައި ކިޔައިދޭނެ ބަނދަރުގައި ހިނގައިދާނެ ހާދިސާތަކަކީ ކޮބައިކަމާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން މި ހުރިހާ އެއްޗެއް ކިޔައިދޭނެ. އަދި 6 ގަޑިއިރަށް ކުރިއަށްގެންދާ ތަމްރީން އަށް ފަހު ކުއިޒެއްވެސް އަޅުގަނޑުމެން ދޭނަން. އޭގެން ފާސްވާ ފަރާތްތަކަށް ސެޓްފިކެޓެއްވެސްދޭނެ. ކުރިއަށްއޮތް 6 މަސްތެރޭ ބަނދަރަށް ވަދެވޭނީ މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް" ޝާހިދު ވިދާޅުވިއެވެ.


ޝާހިދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގައި ދާދިފަހުން ހިނގާދިޔަ ޙާދިސާތަކާގުޅިގެން ބަނދަރުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ، ބަނދަރަށް ވަންނަ ފާސް ދޫކުރާ އުޞޫލަށްވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރު ޕޮލިސް ރިޕޯޓް އެކަނި ހުށަހެޅުމުން ފާސްދޫކުރިނަމަވެސް، އޫޞޫލަށް ގެނެވޭ ބަދަލުތަކާއެކު ޕީޖީއާއި ކޯޓުތަކުންވެސް ކްލިއަރިންސްގެ ހޯދަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕޯޓުގައި ކްލިއަރެންސް ކަމުގައި ހަރަކާތްތެރިވާ މަޖޫރީންގެ ކަންކަން މިހާރަށްވުރެ ބޮޑަށް ރެގިއުލޭޓްކުރުމަށް ޚާއްސަ ޤަވާއިދެއް އެކުލަވާލާ ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އާއްމު އުޞޫލެއްގެގޮތުން މި އޮންނަނީ އެމް.ޕީ،އެލްގެ ފާސް ލިބުނީމަ ގޭޓުތެރެއިން މި ވަދެވެނީ. ފާސްދޫކުރާއިރު މި ބަލަނީ ޕޮލިސް ރިކޯޑެއްއޮތްތޯ. އެ ޕޮލިސް ރިކޯޑްނެތްކަމަށްވަންޏާ އަޅުގަނޑުމެން ފާސް އިޝޫ މިކުރަނީ. އެހެންނަމަވެސް މި ހިނގާދިޔަ ޙާދިސާތަކާގުޅިގެން އަޅުގަނޑުމެން ނިންމާފައި އިންނާނީ ދެން ފާސްދޫކުރާނީ ހުރިހާ ޤާނޫނީ ފޯމެއް ފުރިހަމަކޮށްގެން ގެނައީމަކަމަށް. އޭގެ ތެރޭގައިކޯޓުތަކުންނާއި، ޕީޖީންނާއި އެހެނިހެން މުއައްސަސާތަކުންވެސް. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަޒީފާދޭއިރު އެ ޗެކްކުރާ ހުރިހާތާކުން ކްލިއަރެންސް ލިބިގެން ދެން ޕޯޓަށް ވަދެވޭނީ" ޝާހިދު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައި.އެލްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މަސައްކަތުގެ މާޙައުލުގެ ތެރެއިން އެކްސިޑެންޓްތަކާއި އިންސިޑެންޓްތައް އެންމެ ގިނައިން ރިޕޯޓްކުރަނީ ޕޯޓުތަކުންނެވެ. އެގޮތުން އެހެނިހެން ހެވީ އިންޑަސްޓްރީތަކާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންގެ އިންސައްތައަށްވުރެ ޕޯޓުތަކުން ރިޕޯޓްކުރާ ކޭސްތައް އިތުރުކަން އައި.އެލް.އޯއިން ފާަހަގަކުރެއެވެ. އެހެންކަމުން ޕޯޓުތަކުގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުންދާކަމަށް އެމް.ޕީ.އެލުން ވިދާޅުވެއެވެ.

"ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"ގެ ނަމުގައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް އެމް.ޕީ.އެލްއިން ފަށާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކުން 24 ފެބްރުއަރީ 2021 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މި ޕްރޮގްރާމް ފުރިހަމަ ކުރަންވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމު ކުންފުނީގެ ވެބްސައިޓުންނާއި، ހެޑްއޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.