ޚަބަރު

އަލީ ވަހީދުގެ ޝަރީއަތްތައް އާދިއްތަ ދުވަހު ފަށަނީ


ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުތަކުގެ ޝަރީއަތް އަންނަ އާދިއްތަދުވަހު ފެށުމަށް ކްރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި
ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. ޕީޖީ އޮފީހުން މި މައްސަލަތައް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަދުވަހުއެވެ.

މި މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. ކޯޓުގެ ހަމަޖައްސާފައިވާ އުސޫލުން ކޯޓްގައި ހިނގާ ބަދު އަގްލާގީ މައްސަލަތަކާއި ގުޅޭ ޝަރީއަތްތައް ކުރިޔަށް ގެންދާނީ ސިއްރުކޮށްގެންނެވެ. އެހެންކަމުން މި މައްސަލައިގެ އަޑުއެހުމަށްވެސް އެއްވެސް މީހަކަށް ނުވަދެވޭނެއެވެ.

އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކެމެއް އަންނާނެއެވެ.

މި މައްސަލާގެ ތަހުޤީގަށް އަލީ ވަހީދު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އޭނާގެ ދިރިއުޅުއްވާގެ ބަލާފާސްކޮށް 15 މީހެއްގެ ބަޔާންވަނީ ނަގާފައެވެ. އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ އޭނާ ވިދާޅުވީ މީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއްކަމަށެވެ. އަދި ތަހުޤީގު ނިމުމުން ހަގީގަތް ހާމަވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.