ޚަބަރު

ރަން މައިނުގައި ތާށިވި މީހުން ސަލާމަތްކުރަން އިތުރު 15 ދުވަސް


ޖަނަވަރީ މަހުގެ 10ވަނަ ދުވަހުން ފެށިގެން ޗައިނާގެ ރަން މައިނެއްގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އިތުރު 15 ދުވަސް މަޑުކުރަން ޖެހިދާނެކަމަށް އެ ޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނެފިއެވެ.

ޝީޗިޔާގައި ހުންނަ ހުޝާން މައިންގައި ގޮވުމުގެ ސަބަބުން އެ މައިންގައި މަސައްކަތްކުރަމުންދިޔަ 22 މީހުންވަނީ އެ ތަނުގައި ތާށިވެފައެވެ. އޭގެ ތެރެއިން އެކަކު މަރުވެފައިވާކަން ޔަޤީންވެފައިވާއިރު ދިރި ތިބިކަމަށް އެނގިފައިވަނީ 11 މީހުންނެވެ. ބާކީތިބި 10 މީހުންނަށް ވީނުވީއެއް ނޭނގެއެވެ. މައިންގައި ތާށިވެފައި ތިބި މީހުން 10 ތިބީ އެމައިނަށް ވަންނަ ދޮރާއްޓާއި 600 މީޓަރު ދުރުގައެވެ. އެމީހުންނަށް މިހާރުވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފޮނުވާފައެވެ. އެހެން ސަރަޙައްދަކުންވެސް އިތުރު މީހަކުވަނީ ފެނިފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންދާ ފަރާތްތަކުން ބުނީ ތާށިވެފައިތިބި މީހުން ތިބި ހިސާބަށް ފޯރުމަށް އިތުރު 15ވަރަކަށް ދުވަސް ނެގުން އެކަށީގެންވާކަމަށެވެ. އެއީ އެ ސަރަޙައްދަށް ދިޔުމަށް މަގެއް ސާފުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށް އެ ފަރާތްތަކުން ބުންޏެވެ. އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ 350 މީޓަރު އަޑީގައި ހުރި ބްލޮކެއްގެ ސަބަބުންކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ. މީހުން ސަލާމަތްކުރުމަށް ބޭނުންކުރަން ހަމަޖެހިފައިވާ މަގުގައިވާ ބްލޮކަކީ 100 މީޓަރުގެ ބްލޮކެއްކަމަށާއި އެ ބްލޮކުގެ ބަރުމިނުގައި 70 ޓަނު ހުރިކަމަށް އެފަރާތުން ބުންޏެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 600އެއްހަ މީހުންދަނީ ޙާރަކާތްތެރިވަމުންނެވެ. އެ ސަރަޙައްދުގައި 25 އެމްބިއުލާންސާއި، ޑޮކްޓަރުންގެ ޚާއްޞަ ޓީމުތަކުންދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ނިއުރޯސަރޖަނުންނާއި ޓްރޯމާ ސްޕެޝަލިސްޓުންނާއި ސައިކޮލޮޖިސްޓުން ހިމެނެއެވެ.

ޗައިނާގެ މައިންތަކަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މައިންތަކުގައި ހިމެނޭ މައިންތަކެވެ. މައިންތަކުގައި ހިތާމަވެރި ހާދިޘާތައް ހިންގުމަކީ ޗައިނާގައި ޢާންމުކަމެކެވެ. އެ ދާއިރާގެ ސަލާމަތީ ކަންކަމަށް މާ ބޮޑު ފަރުވާލެއް އެ ޤައުމުގައި ނުބަހައްޓައެވެ. އަދި ޤާއިމްކޮށްފައިވާ ޤަވާއިދުތަކަށް ގިނަ ފަހަރު ޢަމަލެއް ނުކުރެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ގުއިޒޫ ޕުރޮވިންސުގައި ހިންގި ހާދިޘާއެއްގައި 14 މީހުންވަނީ މަރުވެފައެވެ. އޭގެ ކުރީ އަހަރުގެ ޑިސެމްބަރުމަހުގައިވެސް ޗޮންގްކިންގުގެ މައިނެއްގައި ހިންގި ނުރައްކާތެރި ހާދިޘާއެއްގައި ހަތް މީހުންވަނީ މަރުވެފައެވެ. ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހުގައި ޝަންޑޮންގު ޕުރޮވިންސުގެ މައިނެއްގައި 22 މީހުންވަނީ މަރުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް މައިންތަކާއި ގުޅުންހުރި 573 މަރު އެ ޤައުމުގައިވަނީ ދަފްތަރުކޮށްފައެވެ.