ކުޅިވަރު

މޮޅަކާއެކު ގްރާންޑޭއިން ފުރަތަމަ ބުރު ނިންމާލައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އިން 2-1 ލަނޑުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފިއެވެ.

މެޗު ފަށައިގެން ފުރަތަމަ 14 މިނިޓުގެ ތެރޭ ޔުނައިޓެޑް ވިކްޓްރީގެ ޢަލީ ހައިޝަމް (ޗުމްޕު) އަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުޞަތެއް ލިބުނެވެ. ދަ ގްރާންޑޭއިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓުގައި އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ޖެހި ގޯލުންނެވެ. ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ މުލަކޭ ޖެހި ބޯޅަ ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ.

ދެ ވަަނަ ހާފް ފަށައިގެން ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރި އެވެ. ޔުނައިޓެޑް ވިކްޓްރީން ނަތީޖާ ހަމަހަމަ ކުރި ގޯލު ޖަހާފައިވަނީ މެޗުގެ 55 ވަނަ މިނިޓުގައި އީސަ ދިން ބޯޅައަކުން ހައިޝަމް އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީން ލީޑުނަގަން ލިބުނު ދެ ފުރުސަތެއް ނަގާލި އެވެ. ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔާ ދަ ގްރާންޑޭ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓުގައެވެ. އޭރިއާތެރެއިން ދަ ގްރާންޑޭގެ އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރް ދިން ބޯޅަ އަޔާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ދަ ގްރާންޑޭއަށް ތިން ވަނަ ލަނޑެއް ޖަހަން ރަނުގެ ފުރުޞަތެއް ލިބުނެވެ. އަޔާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަހްރޯރް ފޮނުވާލި ނަމަވެސް އެ ބޯޅައިގައި ބާރެއް ނެތި އަމާޒުވީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އާމިރޯފް އަތަށެވެ.

މި މޮޅާއެކު ދަ ގްރާންޑޭއިން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭއަށް ވެސް ހަތް މެޗުން ލިބުނީ 12 ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.