ޔަހޫދީ ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ދެކުނުގައި، ޔަހޫދީ ވަޒަންވެރިން ދިރިއުޅެން އިތުރު 763 ޔުނިޓް ބިނާކުރުމަށް ނިންމާފައިވާކަން، ޔަހޫދީ ދައުލަތުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ހާމަކޮށްފިއެވެ.
ތުރުކީވިލާތުގެ އަނަދޫލޫ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި މި މަޝްރޫޢު ތިންގުނައަށް ފުޅާކުރުމަށް ޔަހޫދީން ވަނީ ރާވައިފައެވެ.
ޔަހޫދީންގެ ޗެނަލް 14 އަށް ދިން ބަސްދީގަތުމެއްގައި ސްމޮޓްރިޗް ބުނީ، ޔަހޫދީ އާބާދީތަކާއި ދަނޑުވެރިކަމުގެ ސަރަޙައްދުތައް އިތުރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން، ޤަވާޢިދާ ޚިލާފަށް އިތުރު ޔަހޫދީންގެ އެތައް ހާސް ބަޔަކު އެ ސަރަޙައްދުގައި ވަޒަންވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ސްމޮޓްރިޗް އިތުރަށް ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރުގެ ފަހުކޮޅު ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވެރިކަމާ ޙަވާލުވި ފަހުން، ހުޅަނގު އައްސޭރީގައި މުޅިން އަލަށް 104 ޔަހޫދީންގެ އާބާދީއެއް ބިނާކުރުމުގެ އިތުރުން ދަނޑުވެރިކަމަށް ޚާއްޞަ 160 އައުޓްޕޯސްޓެއް ޤާއިމުކުރުމުގެ ޙުއްދަ މިހާތަނަށް ވަނީ ދީފައެވެ.
ޔަހޫދީ ވަޒަންވެރިންގެ އާބާދީތައް ފުޅާކުރުމުގެ އިތުރުން، ޔަހޫދީ ހަރުކަށި ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ.
ފަލަސްޠީނުގެ ރަސްމީ ނޫސް (ވާފާ) އިން ބުނީ، ހުޅަނގު އައްސޭރީގެ އަވަށަކަށް ޔަހޫދީ ވަޒަންވެރިން ވަދެގަނެ، އެތަނުގެ މިސްކިތެއްގައި އަލިފާން ރޯކުރުމުގެ އިތުރުން، ފާރުތަކުގައި ކުރެހުންތައް ކުރަހައި، މިސްކިތުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.
އެ އަވަށަށް ދިން ހަމަލާގެ ކުޑަވަގުތުކޮޅެއް ކުރިން، ޤުސްރާގައި އަލަށް ބިނާކުރަމުންދިޔަ މިސްކިތެއްގައި އަލިފާން ރޯކޮށް، އެތަނުގެ އިމާރާތްކުރުމުގެ ސާމާނުތައް ވަނީ އަންދާލާފައެވެ.
ފަލަސްޠީނުގެ ކަމާބެހޭ ވުޒާރާއިން ވަނީ ޔަހޫދީ ވަޒަންވެރިންގެ މި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ ފުރިހަމަ ހިމާޔަތާއެކު މި އަހަރުގެ މިހާތަނަށް އެކަނިވެސް ހުޅަނގު އައްސޭރީގެ 45 މިސްކިތަކަށް ވަނީ ހަމަލާދީފައެވެ.
އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި، 141 އާބާދީއަކާއި 224 އައުޓްޕޯސްޓެއްގައި ގާތްގަނޑަކަށް 750,000 ޔަހޫދީ ވަޒަންވެރިން ދިރިއުޅެއެވެ.
ޔަހޫދީންގެ އާބާދީތައް ފުޅާކޮށް ހަމަލާތައް އިތުރުކުރަމުން ދަނީ ހުޅަނގު އައްސޭރި އެއްކޮށް ޔަހޫދީ ދައުލަތުން އަތް ދަށުކޮށް، އެ ބިންތައް ޙިޞާރުކުރުމުގެ ނުބައި މަޤުޞަދުގައެވެ.