ކުޅިވަރު

އުދިނޭސޭ އާއި އެޓްލާންޓާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


އިޓާލިއަން ސެރީއާގައި އުދިނޭސޭ އާއި އެޓްލާންޓާ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. އުދިނޭސޭގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއް ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނެޓްގައި ޖަހާދިނީ އުދިނޭސޭގެ ރޮބާޓޯ ޕެރޭރާއެވެ. އަދި ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް މެޗްގެ ނަތީޖާ އެޓްލާންޓާއަށް ހަމަހަމަކޮށްދިނީ ލުއިސް މޫރިއާލްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިއެވެ.

މިމެޗް އެއްވަރުވުމުން އެޓްލާންޓާ މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި އުދިނޭސޭ އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.

މިމުބާރާތުގައި އެޓްލާންޓާ މިއަންނަ އާދިއްތަ ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ ތާވަލްގެ އެއްވަނައިގާ މިވަގުތު އޮތް އޭ.ސީ މިލާނާއެވެ. އަދި އުދިނޭސޭ ބައްދަލުކުރާނީ ތާވަލްގެ ދެވަނައިގާ އުޅޭ އިންޓަރ މިލާނާއެވެ.