ކުޅިވަރު

އިޓާލިއަން ސުޕަރ ކަޕް ޔުވެންޓާސްއަށް


ނަޕޯލީ ބަލިކޮށް އިޓާލިއަން ސުޕަރ ކަޕް ޔުވެންޓާސްއިން ކާމިޔާބުކޮށްފިއެވެ. އިޓާލިއަން ސެރީއާ އާއި ކޮޕާ އިޓާލިއާގެ ޗެމްޕިއަން ޓީމްގެ މެޗުގައި ކުޅޭ އިޓާލިއަން ސުޕަރ ކަޕް ޔުވެންޓާސް ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

މިއީ ކޮޕާ އިޓާލިއާގެ ފައިނަލްގައި ނަޕޯލީއަތުން ޕެނަލްޓީ ޖަހައިގެން މިދިޔަ ސީޒަންގައި ބަލިވި ބަލިވުމަށް ޔުވެންޓާސްއަށް ހިފުނު ރަނގަޅު ބަދަލު ހިފުމެކެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ޔުވެންޓާސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ނަޕޯލީއަށެވެ. ދެޓީމްގެ ފަރާތުންވެސް މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ނުފެނުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔޫވެންޓާސްއަށް ކުޅޭ ޕޯޗުގަލްގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާ ސީނިއަރ ރަސްމީ މެޗްތަކުގައި ކާމިޔާބުކުރި 760 ވަނަ ލަނޑެވެ. މިމެޗްގެ 78 ވަނަ މިނެޓްގައި ނަޕޯލީއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެޓީމްގެ ކެޕްޓަން ލޮރެންޒޯ އިންސިގްނިއާ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މިމެޗްގައި ޔުވެންޓާސްއިން ޖެހި ދެވަނަ ލަނޑު މެޗްގެ އިތުރުވަގުތުގައި ޖަހާދިނީ އަލްވާރޯ މޮރާޓާއެވެ.

މިއީ މިސީޒަންގައި ޔުވެންޓާސްގެ ކޯޗުކަމާއި ހަވާލުވި އަންދްރިއާ ޕީރްލޯ އެޓީމާއެކު ހޯދި ފުރަތަމަ ތަށްޓެވެ.