ޚަބަރު

ޓޯކިޔޯ ޔުނިވަރސިޓީގެ ދަރިވަރުން ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމެއްގައި ރާއްޖެއަށް


  • ރާއްޖޭގެ ސަޤާފަތާއި ގުޅޭ މައުލޫމާތުތަކެއް ހޯދާފައިވެ

  • މި ހަރަކާތް ރަމްޒުކޮށްދެނީ ޢަމަލީ ތަޖުރިބާގެ ތެރެއިން އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން

ޖަޕާނުގެ ޓޯކިޔޯ ޔުނިވާސިޓީގެ ދަރިވަރުންނަށް ޤައުމީ ޔުނިވާސިޓީން ތަޢުލީމީ އަދި ސަޤާފީ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަޕާނުގެ ޓޯކިޔޯ ޔުނިވާސިޓީގެ ދަރިވަރުންތަކެއް މިހާރު ރާއްޖެއަށް ކުރާ ޒިޔާރަތަކީ ޤައުމީ ޔުނިވާސީޓީ، އެމްއެންޔޫގެ ޕްރޮގްރާމެއް ދަށުން ރާއްޖެ އައި ދަރިވަރުންނެވެ. ދެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި ފައިދާހުރި ގޮތެއްގައި އެކަކު އަނެކަކުގެ ފަރާތުން އުނގެނުމަށާއި، ސަގާފީ ގުޅުން ބަދަހިކުރުމަށާއި، އަދި މަޢުލޫމާތު ޙިއްޞާކުރުމަށް މި ޕްރޮގްރާމުގެ ތެރެއިން ފުރުސަތު ލިބޭ ކަމަށް ޤައުމީ ޔުނިވާސިޓީން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ޒިޔާރަތްކުރި ކޮންމެ ދަރިވަރަކާއެކު އެމް.އެން.ޔޫގެ ދަރިވަރަކު ވަނީ ބައިވެރިކުރެވިފައެވެ. މީގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި ސީދާ މުޢާމަލާތްކުރުމަށް ހިތްވަރުދީ، ޚިޔާލުތަކާއި ވިސްނުންތައް ބަދަލުކުރުމެވެ. މި ޕްރޮގްރާމްގެ ސަބަބުން، ސިލްސިލާ ލެކްޗަރތަކަކާއި މަޝްވަރާތަކެއްގެ ތެރެއިން ޒިޔާރަތްކުރި ދަރިވަރުންނަށް ރާއްޖެއާ ބެހޭ މަޢުލޫމާތު ތަޢާރަފުކޮށްދީފައިވެއެވެ. އަދި ރާއްޖޭގެ ތާރީޚާއި، ސަގާފަތާއި، މުޖުތަމަޢުގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޚާއްޞަ ނާޒުކު ކަންކަމާ ގުޅޭގޮތުން އެ ޓޯކިއޯ ޔުނިވާސިޓީގެ ދަރިވަރުންނަށް މައުލޫމާތު ދެވިފައިވެއެވެ.

މި ސެޝަންތަކަކީ ރާއްޖެއަށް ހުރި ފުރުޞަތުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދަރިވަރުންނަށް ލިބިގެންދިޔަ ޕްލެޓްފޯމެއް ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. އެމްއެންޔޫއިން ވިދާޅުވީ މިއީ ޕްރޮގްރާމުގެ ބައިވެރިންނަށް ރާއްޖޭގެ އިޖުތިމާޢީ، ތިމާވެށީގެ، އަދި ތަރައްޤީގެ ޙާލަތު އިތުރަށް ދެނެގަނެ، އެކަންކަމަށް އަހައްމިއްޔަތުކަން ދިނުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ. އަދި ދަރިވަރުން އެކަކު އަނެކަކާ ގުޅިގެން ކުރިއަށްގެންދިޔަ މި ފޯމެޓުގެ ސަބަބުން، އެކަކު އަނެކަކުގެ ފަރާތުން އުނގެނުމަށާއި އެކި ސަގާފަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

މި ޒިޔާރަތްކުރި ދަރިވަރުން ވަނީ އެމްއެންޔޫގެ އެކި ފެކަލްޓީތަކަށް ޒިޔާރަތްކޮށް، ޔުނިވަރސިޓީގެ ދަރިވަރުންނާއި ލެކްޗަރާއިން ބައްދަލުކޮށްފައެވެ. އަދި ޔުނިވަރސިޓީގައި ކިޔަވައިދެވޭ އެކި ދާއިރާތަކާއި އުނގެނުމުގެ މާޙައުލާ ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވެއެވެ. މި ޕްރޮގްރާމް ދެން ކުރިއަށްދިޔައީ ވިލިނގިލީގައި ހުންނަ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒްއަށް ކުރި ޒިޔާރަތަކުންނެވެ. ފެރީގައި ކުރި މި ދަތުރުގައި، އެ ކުދިން ވަނީ ރަށުގެ މާޙައުލު ތަޖުރިބާކޮށް، އެ ކުދިންގެ ތަޢުލީމީ އަދި ސަގާފީ ބަދަލުކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މި ޙަރަކާތުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށާއި ޢަމަލީ ތަޖުރިބާގެ ތެރެއިން އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމްއެންޔޫއިން ދޭ އަހަމީއްޔަތުކަން ކަމަށް އެޔުނިވާސީޓީން ފާހަގަކުރެއެވެ. އަދި މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ތަފާތު ސަގާފީ ފަސްގަނޑުތަކުން އަންނަ ދަރިވަރުންގެ މެދުގައި އެކަކު އަނެކަކު ދެނެގަތުމުގެ ރޫޙު އާލާކުރުން މި ހަރަކާތުން ފެނިގެންދާ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން އެތައް ލަނޑުދަނޑިއަކަށް ވާޞިލުވުމަށް އެހީތެރިވެދިން ޕްރޮގްރާމެއް ކަމަށް އެމެއެންޔޫއިން ފާހަގަކުރެއެވެ. އަދި މިފަދަ އިސްނެގުންތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ ގުޅުންތަކާއި، ސަގާފަތްތައް ދެނެގަތުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތް އެމްއެންޔޫ އިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ ޔުނިވާސިޓީން ވިދާޅުވިއެވެ.