ކުޅިވަރު

އިންގްލިޝް ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ޔުނައިޓެޑް


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ އަރައިފިއެވެ. މިމެޗް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު 1 ލަނޑުންނެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފް ފެށިތާ ފަސްވަނަ މިނެޓްގައި ފުލަމްއިންވަނީ ލަނޑެއް ޖަހާ މެންޗެސްޓަރއަށް ހައިރާންކަން ގެނުވާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޯލާ ލޫކްމަންއެވެ. މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ޔުނައިޓެޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އަދި އެޓީމް މިމެޗުން މޮޅުކޮށްދިން ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ރޭގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި ޕޯލް ޕޮގްބާއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޔުނައިޓެޑަށް ލިބުނެވެ. ހަމައެއާއެކު ފުލަމުންވެސް ވަނީ ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ.

މިކާމިޔާބީއާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ޕޮއިންޓް ތާވަލްގެ އެއްވަނަ ލިބެނީ ކުޅުނު 19 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކުއެވެ. ދެވަނައިގާ މިވަގުތު އޮތް މެންޗެސްޓަރ ސިޓީ އާއި ތިންވަނައިގާ އުޅޭ ލެސްޓަރ ސިޓީއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ނަމަވެސް ސިޓީން ނުކުޅެ އެއް މެޗް އެބައޮތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގުނަރ ސޯލްޝަޔަރވަނީ ޕޮގްބާ ފަހަކަށް އައިސް ދައްކަމުންދާ މޮޅު ކުޅުމަށް ތައުރީފް ކޮށްފައެވެ. އަދި މިމެޗްގައި އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމުގައިވެސް ހާމަކުރިއެވެ. މިވަގުތު ތާވަލްގެ އެއްވަނަ ލިބިފައިވީ ނަމަވެސް ލީގު ކާމިޔާބު ކުރުމުގެ ވާހަކައިގެ ތެރެއަށް މާބޮޑަށް ވައްނާކަން ސޯލްޝަޔަރ ބޭނުމެއް ނުވެއެވެ. އަދި އޭނާ ހާމަކުރިގޮތުގައި ޔުނައިޓެޑުން ބަލަމުންދަނީ މެޗަކަށްފަހު މެޗެއް ކާމިޔާބު ކުރެވޭތޯ ކަމަށާއި އިތުރު ކަމަކަށް މިވަގުތު ވިސްނުމެއް ނެތެވެ.

ފުލަމްގެ ކޯޗް ސްކޮޓް ޕާރކަރ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހުމުގެ އިތުރަށް ހިތްހަމަ ނުޖެހުންވެސް އެބަހުރި ކަމަށެވެ. އަދި އެއިން ދައްކުވާދެނީ ފުލަމްއަށް މިސީޒަންގައި މިހާރު އާދެވިފައިވާ ހިސާބުކަމަށް އޭނާ ހަމަކުރިއެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ނުރައްކާކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ގަދައަޅާ މަސައްކަތް ކުރިތަން ފެނިގެން ދިޔަ ކަމަށެވެ. ދެން އޮތީ އެގޮތުގައި ކުރިއަށް ދިއުން ކަމުގައި ޕާރކަރ ހާމަކުރިއެވެ.

މިނާކާމިޔާބީއާއެކު ފުލަމް އޮތީ 18 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.