ކުޅިވަރު

މެންޗެސްޓަރ ސިޓީ އާއި އެސްޓަންވިލާގެ މެޗް ސިޓީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސިޓީންނެވެ. އަދި އެސްޓަންވިލާއިންވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ. އެގޮތުން ސިޓީން މިމެޗްގައި 28 ހަމަލާ އުފައްދާފައިވެއެވެ. ނަމަވެސް އެސްޓަންވިލާގެ ޑިފެންޑަރުންވަނީ ސިޓީގެ ގިނަ ހަމަލާތައް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ވިލާގެ ކީޕަރ މާޓިނޭޒްވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މިމެޗްގައި ސިޓީން ޖެހި ފުރަތަމަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ބެނާޑޯ ސިލްވަރއެވެ. މިލަނޑު ޖެހުމުގައި ސިލްވަރއަށް ޕާސްދިން ރޮޑްރީ ހެނާންޑޭޒް ބޯޅަ ހޯދީ އޮފްސައިޑްގައި ހުރެގެންކަމަށް ބުނެ އެސްޓަންވިލާގެ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސިއެވެ. ނަމަވެސް ރެފްރީ ވަނީ މިލަނޑު ޖެހުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމާފައެވެ. އަދި މިކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އެއްޗެއް ބުނުމުގެ ސަބަބުން އެސްޓަންވިލާގެ ކޯޗް ޑީން ސްމިތަށްވަނީ ރަތްކާޑުވެސް ދައްކާފައެވެ.
މިމެޗްގައި ސިޓީން ޖެހި ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އިލްކައި ގުންޑޮގާންއެވެ. މިއީ ވިލާގެ ޑިފެންޑަރ މެޓީ ކޭޝްއަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީއެކެވެ.

މިކާމިޔާބީއާއެކު ދެތިން ގަޑިއިރަށް ތާވަލްގެ އެއްވަނައަށް ސިޓީ އަށް އެރުނު ނަމަވެސް ފުލަމްއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބު ކުރުމާއެކު ސިޓީ މިހާރު އޮތީ ތާވަލްގެ ދެވަނައިގައެވެ. އެއީ 18 މެޗް ކުޅެގެން ލިބިފައިވާ 38 ޕޮއިންޓާއެކުއެވެ. ނަމަވެސް ސިޓީ އެއްމެޗް މަދުން ކުޅެފައިވުމުން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

ލީގުގައި ޖެހިޖެހިގެން ހަވަނަ މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމުން ކޮންޓްރޯލް ކޮށްގެން ކުޅުނު ކަމަށެވެ. ނަމަވެސް ލަނޑު ޖެހުމުގައި މައްސަލަ ދިމާވީ ކަމުގައި އޭނާ ހާމަކުރިއެވެ. އަދި ވިލާގެ ކުރިއަށް ކުޅެމުންދިޔަ ކުޅުންތެރިން ދެއްކި ކުޅުމަށް ގާޑިއޯލާ ތައުރީފް ކުރިއެވެ.

އާއަހަރު ފެށުނު ދުވަހަށްފަހު ވިލާގެ ސީނިއަރ ޓީމް ކުޅުނު ފުރަތަމަ މެޗަށްފަހު ވާހަކަ ދައްކަމުން ވިލާގެ ކޯޗް ޑީން ސްމިތުވަނީ ފުރަތަމަ ލަނޑު ލަނޑަކަށް ބަލާފައިވާތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި ސިޓީއަށް ލިބުނު ޕެނަލްޓީގައިވެސް އަތުގައި ބޯޅަ ޖެހުނު ކަމުގައިވީ ނަމަވެސް އެއީ ހޭންޑް ބޯލްއަކަށް ވާންވީ ސަބަބެއް އޭނާއަށް ނުވިސްނޭކަމުގައި ހާމަކުރިއެވެ.