ކޯވިޑް-19

ކޯވިޑް-19 : ވެކްސިންގެ 7 ލައްކަ ޑޯޒު ގަތުމަށް ރާއްޖެއިން އެސްޓްރާޒެނެކާއެކު ސޮއިކޮށްފި


ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިން ގަތުމަށް ރާއްޖެއިން ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާނު އަދި ނެޝެނަލް އިމިއުނިޒޭޝަން ޕްރޮގްރާމުގެ ހެޑް ޑރ. ނަޒްލާ ރަފީޤު ވަނީ ހާމަކުރައްވާފައެވެ.

ދިވެހި ސަރުކާރުން އެސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަތުމަށް ނިންމާފައިވާއިރު، އެކުންފުނިން ވެކްސިން ގަތުމަށް ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ.

މިވެކްސިނަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ. އެގޮތުން މިވެކްސިންއާއި އެންމެ ވާދަވެރިކޮށް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ފައިޒާ ވެކްސިންއާއި ޚިލާފަށް، މިވެކްސިން ޢާއްމު ޓެމްޕަރޭޗަރގައި ރައްކާކުރެވެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ތެރެއިންނާއި، ސަރުކާރުން ގެނައުމަށް ހަމަޖެހިފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެެވެ. ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާއިރު، އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެކްސްޓްރާޒެނެކާގެ ރިސަރޗްގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައި ކުންފުނިން އުފައްދާ ވެކްސިނެކެވެ.

ކޮވިޝީލްޑް ވެކްސިނަކީ ޑަބްލިއު.އެޗް.އޯއިން އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގެ ތެރެއިން ޤައުމުތަކަށް ދޫކުރުމަށް ހުއްދަދީފައިވާ ވެކްސިނެއް ނަމަވެސް، އިންޑިއާއިން ހަދިޔާކުރި ވެކްސިން ޝިޕްމަންޓަކީ، ސީދާ އެ ފެސިލިޓީގެ ތެރެއިން ހަދިޔާކޮށްފައިވާ ވެކްސިނެއްނޫންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި ވެކްސިން ޖެހުމުގައި ހަރަކާތްތެރިވާނީ އެކަމުގެ ތަމްރީން ލިބިފައިވާ ފަރާތްތަކުންކަމަށާއި ވެކްސިންގެ ސަބަބުން ދިމާވެދާނެ ސައިޑްއިފެކްޓްސްތަކަށްވެސް ތައްޔާރުވެފައިވާކަމަށް ޑރ. ނަޒްލާ މައުލޫމާތުދެއްވައެވެ.

"ޚާއްސަކޮށް އާ ވެކްސިނެއް ޖެހުމަކީ މީ ވަރަށް ބޮޑު މަސައްކަތެއް، އެކަމަށް ތައްޔާރުވާންޖެހޭ. ހަމަ ވެކްސިންގެ ޑޯޒް ލިބުނީމަ ޖަހާކަށެއް ނުފެށޭނެ. އެއަށްވުރެ ރަނގަޅަށް އަޅުގަނޑުމެން ތައްޔާރުވެގެން މަސައްކަތްތަކެއް ކޮށްގެން ކުރާނީ. ވެކްސިން ޑޯޒްތައް ލިބުނުއިރުވެސް އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބައިވަރު މަސައްކަތްތަކެއްކޮށްފައި. ވީހާވެސް އަވަހަކަށް ރަނގަޅަށް ތައްޔާރުވެގެން ވަރަށް ފުރިހަމައަށް ވެކްސިނޭޝަން ޕްރޮގްރާމް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒު" ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމުގައި މިވަގުތު އެންމެ އިސްކަން ދޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި، ސޯޝަލް ކެއަރގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އުމުރުން 50 އަހަރަށްވުރެ މަތީގެ ބޭފުޅުންނާއި 50 އަހަރާއި 18 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި ޕޮލިހުންނާއި، ސިފައިންގެ އިތުރުން ޓްރެވަލް އިންޑަސްޓްރީ ފަދަ ބައްޔަށް ފަސޭހައިން ހުށަހެޅޭ ފަރާތްތަކެވެ. އަދި މިވަގުތު ކުޑަކުދިންނާއި މާބަނޑު މީހުންނަށް ވެކްސިން ނުދޭނެކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މިއަދު ރާއްޖެއަށް ވެކްސިންގެ 1 ލައްކަ ޑޯޒް ލިބުނުއިރު ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް ގެންދަވާނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކާއި އެއްގޮތައްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މިވަގުތު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ވަކި ހާއްސަ ގްރޫޕްތަކަކަށް ކަމަށްވާއިރު، ބޭނުންވާ މުހިންމު މައުލޫމާތުތައް ހޯދުމަށް ރަޖިސްޓަރވުމުގެ މުހިންމުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެޕޮއިންޓްމެންޓް އުސޫލުން ގައިދުރުކަން އިސްކޮށްގެންކަމަށްވެސް ޑރ. ނަޒްލާ މައުލޫމާތުދެއްވައެވެ.

"ރެޖިސްޓްރޭޝަން ޕޯޓަލްއިން މިހާރު ހާލު ބެލުން ޕޯޓަލްއިން އައިސޮލޭޝަން ޑޮކިއުމެންޓާ އެއްޗިހި ފެނިވަޑައިގަންނަވާ ގޮތަށް ވެކްސިން ރެޖިސްޓްރޭޝަން ޕޯޓަލްއިން ވެކްސިން ޖެހީމަ އެ ބޭފުޅުންގެ ވެކްސިން ޑޮކިއުމެންޓްއާއި ރިކޯޑްތައްވެސް ފެންނާނެ. ހުރިހާ ބޭފުޅުންވެސް މި ޕޯޓަލްގައި އަވަހަށް ރަޖިސްޓްރީ ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ފުރަތަމަ މި ފުރުޞަތު ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި އާއްމުންނަށްވެސް ރަޖިސްޓްރީވާން ހުޅުވާލާނެކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި އަމާޒަކީ ޕޯޓަލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ވެކްސިން ޖަހާނެ ތާރީޙާއި ވަގުތާއި ތަން އެސް.އެމް.އެސް އެއް މެދުވެރިކޮށް އެންގުންކަމަށާއި، އެކަމަށް ތައްޔާރުވަމުންދާކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.