ތިމާވެށި

މާފުށި ކުނީގެ ހާއްޔަކަށް - ތިމާވެއްޓަށާއި އިޤްތިޞާދަށްވެސް އޮތް ބޮޑު ނުރައްކަލެއް


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ، އަދި އެއް ރަށެއްގައި އެންމެ ގިނަ އިޤްތިޞާދީ ހަރަކާތްތައްވެސް ހިންގަމުންދާ ރަށަކީ މާފުއްޓެވެ. މާފުށީގައި 40 އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަމުންދާއިރު، 18 އަށްވުރެ ގިނަ ރެސްޓޯރެންޓް އެ ރަށުގައި އެބަހުއްޓެވެ. މިއާއެކު ރާއްޖޭގެ އިޤްތިޞާދަށް އެންމެ ގިނައިން ފައިސާ ވައްދާ އެއްރަށަކީވެސް މާފުއްޓޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ޖީ.އެސް.ޓީއާއި ޓީ.ޖީ.އެސް.ޓީގެ ގޮތުގައިވެސް އެތައް މިލިއަން ރުފިޔާއެއް އަހަރެއްގެ މައްޗަށް މާފުށިން ރާއްޖޭގެ އިޤްތިޞާދަށް ވައްދައެވެ.

ގެސްޓްހައުސްގެ ވިޔަފާރިއާއެކު މުޅި މާފުއްޓަށް ދިރުން ގެނުވިނަމަވެސް، ތިމާވެށީގެ ގޮތުން ބޮޑު ނުރައްކަލަކާ މިހާރު އެރަށަށް މިވަނީ ކުރިމަތިލާންޖެހިފައެވެ. އެއީ ކުނީގެ މައްސަލައެވެ.

ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން މާފުއްޓަށްވެސް ކުނީގެ މައްސަލަވަނީ އިންތިހާއަށް ކުރިމަތިވެފައެވެ.

މާފުށީގައި ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ޖާގަނެތުމުގެ ސަބަބުން ރަށުގެ ފަޅުން ބައެއްގައި ދާ ޖަހައިގެން ކުނި މެނޭޖްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު ޢިބްރާހީމް ރަޝީދު ކުރެއްވި ޓުވިޓަކާއެކުއެވެ.

މާފުށީގެ ކުނީގެ ޙާލަތު ދައްކުވައިދޭ ފޮޓޯއަކާއެކު މެމްބަރު ޢިބްރާހީމް ރަޝީދު ކުރެއްވި ޓުވިޓުގައި އެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރަމުންދާއިރު، އަނެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް ޑީމޯޓްވަމުންދާ މަންޒަރު ފެނިގެންދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ގެސްޓުހައުސް އޮޕަރޭޓްކުރާ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ކަންކަން މިހާ ދަށް ފެންވަރެއްގައި ހުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ރަށުގެ ފަޅުތެރެއިން 100 ފޫޓާއި 50 ފޫޓާ ދެމެދުގެ ސަރަޙައްދެއްގައި ނަރުންހަދާފައިވާ ދާ ޖަހައިގެން މާފުށީގައި ކުނި މެނޭޖްކުރަމުންދާއިރު، މިއީ ތިމާވެށީގެގޮތުން ބެލިޔަސް މިކަން ކުރަން އެންމެ ރައްކާތެރިގޮތެއް ނޫނެވެ. ދާގަނޑުން ތަންތަންކޮޅު ކަނޑައިގެންގޮސް ކޮށި ޖަހާފައިވާ ސަރަޙައްދުން ބޭރަށްވެސް ކުނި ޖަމާވާކަން ރަށުގެ ބައެއް އާއްމުންވެސް ފާހަގަކުރެއެވެ. އަދި އަލަށް ހިއްކާފައިވާ ސަރަޙައްދަށްވެސް ކުނިޖަމާވާކަމާއި، މާފުށީ ކައިރީގައި ހުރި ފަރުތައްވެސް ކުނިން ތަޣައްޔަރުވަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މެމްބަރު ޢިބްރާހީމް ރަޝީދު މި ޓުވިޓާއެކު ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުން މި މައްސަލައަށް އަމާޒުވެފައިވާއިރު، މާފުށީގައި މިގޮތަށް ކުނި މެނޭޖްކުރަންޖެހިފައިވަނީ އިތުރުގޮތެއް ނެތިގެން، މަޖުބޫރުވެގެންކަމަށް އެ ރަށުގެ ކައުންސިލުން ވިދާޅުވެއެވެ.

ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ނެތް - އަވަސް ހައްލެއް ބޭނުން


ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާފުށީ ކައުންސިލުގެ ރައީސް ޢުޘްމާން ރަޝީދު ވިދާޅުވީ، ކުނީގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކާ ކައުންސިލުގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން އެކި ފަހަރުމަތިން ގެނެސްފައިވާކަމަށެވެ.

އެރަށުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5 ޓަނުގެ ކުނި އުފައްދާއިރު، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭވަރުގެ ފެސިލިޓީއެއް ރަށުގައި ގާއިމުވެފައިނެތްކަން ޢުޘްމާން ފާހަގަކުރެއްވިއެވެ.

"މި ކައުންސިލު އައުމުގެ ކުރިންވެސް ކަންކުރަމުންދިޔަގޮތަކީ އެއީ. ސަބަބަކަށްވަނީ ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތުން. އަޅުގަނޑުމެންވެސް މި ހަދާގޮތަކީ އަޅުގަނޑުމެން ޖަހާ ކޮށިގަނޑު ފުރުނީމަ އަނެއްކާވެސް އަނެއް ކޮށިގަނޑު ޖަހަނީ. ކުނިތައް ބޭރަށް ނުދާނެހެން ދާ ޖަހައިގެން. ކުނިތައް އަންދާފައި އެ ކޮށިގަނޑުތެރެއަށް މި އަޅަނީ މިއޮތް ހުރިހާ ދުވަހު. ކޮންމެސް ވަރަކަށް އެހެން ދޭތެރެއަކުން ނަރުދާ ފަޅައިގެންގޮސް ކުނިތައް ބޭރުވޭ. ނަމަވެސް އަޅުގަނޑުމެންވެސް ވީ ވަރަކުން ބަލަން" ޢުޘްމާން ވިދާޅުވިއެވެ.

ރަށުގެ ކުނިމެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް 2020 ވަނަ އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 4 ޓަނުގެ ކުނި ނައްތާލުމުގެ ޤާބިލުކަން ލިބިފައިވާ އިންސިނިރޭޓަރެއް ގެނެސް، އެ ރަށުގައި ވަނީ އިންސްޓޯލްކޮށްފައެވެ.

އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން، ރާއްޖެއައުމަށް ހަމަޖެހިފައިވާ އިންޖިނިއަރިންގެ ޓީމަށް އައުމުގައި ލަސްތަކެއް ދިމާވެ، އިންސިނިރޭޓަރ ކޮމިޝަންކޮށް ކެލެބްރޭޓްކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެންދިޔަކަމަށް ކައުންސިލުގެ ރައީސް ޢުޘްމާން ވިދާޅުވިއެވެ. އަދި މިއަދާއި ހަމައަށްވެސް އިންސިނިރޭޓަރު ބޭނުން ނުކުރެވިވަނީ، އެއާއެކީ ޤާއިމުކުރަންޖެހޭ އިތުރު ވަޞީލަތްތައް ރަށުގައި ޤާއިމުވެފައިނެތުމުންކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އިންސިނިރޭޓަރު އެކަނި އަދި މި ލިބުނީ. އެކަމު ކުނި މެނޭޖްކުރާ ސެންޓަރަށް ބޭނުންވާ އިތުރު ވަޞީލަތެއްނެތް. ކަލެކްޝަން ޕޮއިންޓުތަކެއްވެސް އަދި ޤާއިމުވެފައެއްނެތް. މި އިންސިނިރޭޓަރަކީ ވަރަށް ހައި ޓެމްޕަރޭޗަރގައި މަސައްކަތްކުރާ އެއްޗެއް. ގާތްގަނޑަކަށް 800 ޑިގްރީގައި ހޫނު މިން ހުންނާނެ. ކޮންމެ ފަރަހަކުވެސް އޭގެ ލޯޑެއް އަނދާ ނިމުނީމަ، އަނެއްކާވެސް އޭގެ މަތި ނަގާފައި އަލުން ކުނި ލޯޑުކުރަން މިޖެހެނީ. އިންސާނަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން އެހާ ކައިރިއަށްގޮސްގެން އެކަން ކުރަން ފަސޭހަވެދާނެކަމަކަށް. މިނިސްޓްރީން ވިދާޅުވެފައި އޮތީ ކުނި ލޯޑުކުރާނެ ޚާއްސަ ވެހިކަލްއަކާއި އެހެނިހެން ވަސީލަތްތައްވެސް ހަމަޖެހެމުން އަންނަކަމަށް" ޢުޘްމާން ވިދާޅުވިއެވެ.

މާފުށީގައި ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމަށް ބޭނުންވާ މަސައްކަތްކުރެވެން އޮތީ، އިންސިނިރޭޓަރ ކޮމިޝަންކުރެވި، ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނާއި، ވެހިކަލާއި، އަދި މުވައްޒަފުން ލިބިގެންކަމަށް މާފުށީ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އެކަން އަވަސްކުރުމަށްޓަކާ ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ކައުންސިލަށް ދީފައިވާކަމަށް ކައުންސިލުގެ ރައީސް ޢުޘްމާން ވިދާޅުވެފައިވެއެވެ. އަދި މިއަހަރުގެ ކައުންސިލު ބަޖެޓުގައި ކުނި މެނޭޖްކުރުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށްވެސް ޢުޘްމާން ވިދާޅުވިއެވެ.

ޗުއްޓީ ހޭދަކޮށްލުމަށް މާލޭ ސަރަޙައްދުގައި އެންމެ ގިނަ ފަތުރުވެރިންނާއި ދިވެހިންވެސް ދަތުރުކުރާ ރަށަކީ މާފުށްޓަށްވާއިރު، މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިއުމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލުންވެސް ކުރާ އެންމެ ބޮޑު އުއްމީދެވެ. ރައްކާތެރިގޮތުގައި ކުނި މެނޭޖްނުކުރެވިއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު ރަށުގެ ތިމާވެއްޓަށާއި، އިޤްތިޞާދަށްވެސް ލިބިގެންދާނެކަން އެ ރަށުގެ ކައުންސިލުން ފާހަގަކުރެއެވެ.