ކޯވިޑް-19

ކޯވިޑް-19 : އިންޑިއާއިން ވެކްސިންދޭ ފުރަތަމަ ޤައުމަކަށް ރާއްޖެ، ގެންނަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ ވެކްސިން


އިންޑިއާއިން ކޯވިޑް-19ގެ ވެކްސިން ފޮނުވާ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެކަމަށާއި، އެ ޤައުމުން ރާއްޖެއަށް ފޮނުވާ ވެކްސިން ޝިޕްމަންޓް މާދަމާގެ ވަގުތެއްގައި ރާއްޖެއަށް ގެންނާނެކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހިރާއްޖެއަށް ފޮނުވުމަށް ނިންމާފައިވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ.

އިންޑިއާއިން މި ވެކްސިން ރާއްޖެ ގެނައިނަމަވެސް، މިއީ ސީދާ އިންޑިއާއިން އަމިއްލައަށް އުފައްދާ ވެކްސިނެއް ނޫނެވެ. އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނަކީ އިންޑިއާވެސް ހިމެނެހޭން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އުފެއްދަން ހުއްދަދީފައިވާ، އަދި ބައެއް ޤައުމުތަކުގައި ޖަހަންވެސް ފަށާފައިވާ ވެކްސިނެކެވެ.

އިންޑިއާއިން އަމިއްލައަށް އުފައްދާ ވެކްސިނަށްދީފައިވާ ނަމަކީ "ކޮވެކްސިން"އެވެ. އެޤައުމުގެ ބާރަތު ބަޔޯޓެކް ކުންފުނިން އުފައްދާ މި ވެކްސިނަށްވެސް ހުއްދަދީފައިވާއިރު، ވެކްސިނާބެހޭ މާގިނަ މަޢުލޫމާތުތަކެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

އިންޑިއާއިން ރާއްޖެއަށް "ކޮވިޝީލްޑް" ވެކްސިންގެ ޝިޕްމަންޓް ގެނައުމަށް ހަމަޖެހިފައިވަނީ އެއަރ އިންޑިއާގެ މަތިންދާބޯޓެއްގައި މާދަމާ މެންދުރުފަހުގެ ވަގުތެއްގައި، ކޯވިޑް-19އާއި ދެކޮޅަށް ރާއްޖޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނާއި، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ވަރަށް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިކަމާގުޅިގެން ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އަދި އެއްވެސް މަޢުލޫމާތެއް ހިއްސާކުރައްވާފައެއްނުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިން ޝިޕްމަންޓެއް ފޮނުވަން އުޅޭކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ވަރަށް އަވަހަށް ކޯވިޑް-19ގެ ވެކްސިން ފޯރުކޯށްދޭނެކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޯވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 އިންސައްތައަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނު މިނުގައި ގެންގުޅެވޭ، އެއް ތަނުން އަނެއް ތަނަށް ރައްކާތެރިކަމާއެކު ގެންދިއުމަށް ފަސޭހަ ވެކްސިނެކެވެ. ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިންކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 31 ވަނަ ދުވަހުވަނީ ހާމަކުރައްވާފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އިންޑިއާގައި ދެ ވެކްސިނެއް އެޤައުމުގެ ރައްޔިތުންނަށް ދަނީ ދެމުންނެވެ. އެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޯވިޑް ވެކްސިނެވެ. އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިވެކްސިން އިންޑިއާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައި ކުންފުނިން އެޤައުމުގައި އުފައްދަމުންނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ.

ދިވެހިރާއްޖޭގައިވެސް ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާއިރު، ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ޚާއްސަ ޕޯޓަލެއް އެކުލަވާލާ، ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށް އެ ޕޯޓަލުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި ބޭނުންކުރާ ކޯވިޑް-19ގެ ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރުކުރެވޭނެ ވެކްސިންތަކެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ވެކްސިންތަކަކަށްވެސް ވެގެންދާނެކަމަށް އެ ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.