ޚަބަރު

ބ.އަތޮޅުގައި ގެސްޓް ހައުސް ހިންގާ 3 ރަށަކުން ރެންޑަމް ސާމްޕަލް ނަގައިފި


ބ.އަތޮޅުގައި މިހާރު ގެސްޓް ހައުސް ހުޅުވާފައިވާ 3 ރަށަކުން ރެންޑަމް ސާމްޕަލް ނަގައިފިއެވެ.

ކޯވިޑްއަށް ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ބޯޑަރުތައް ހުޅުވާލިފަހުން ބ.އަތޮޅުގައި 4 ރަށެއްގައި ގެސްޓްހައުސްތައް ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ. ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ފުރަތަމަ ރެންޑަމް ސާމްޕަލް ނަގަނީ 3 ރަށަކުންކަމަށާއި އެއީ ފުޅަދޫ އާ ކަމަދޫގެ އިތުރުން ދަރަވަންދޫއިންކަމަށެވެ.

މި 3 ރަށުގެ އިތުރުން އެއަތޮޅުގައި މިމަހު ގެސްޓުން ގެންނަން ފަށާފައިވާ ފެހެންދޫއިންވެސް ރެންޑަމް ސާމްޕަލް ނެގުމަށްވަނީ ނިންމާފައެވެ. ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި އެރަށުން ރެންޑަމް ސާމްޕަލް ނަގާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ރެންޑަމް ސާމްޕަލް ނެގި 3 ރަށުގެ ސާމްޕަލްތައް މާލެ ފޮނުވާފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ރެންޑަމް ސާމްޕަލް މިރަށްތަކުން ނަގަނީ ކޯވިޑް 19 ބަލި ފެތުރޭ މިންވަރު ދެނެގަތުމަށާ، ބޭރުން އަންނަ ފަތުރުވެރިންގެ ގައިން މިބަލި ފެނި ރިސޯޓްތަކުން ޕޮޒިޓިވާ ކޭސްތައް ގިނަވަމުން ދާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

މިއީ ބ.އަތޮޅު ހޮސްޕިޓަލުން ރެންޑަމް ސާމްޕަލް ނަގާ 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރެންޑަމް ސާމްޕަލް ގަނާފައިވަނީ، ކޯވިޑް 19 ފެތުރެން ފެށި ދުވަސްވަރުއެވެ.