މަރާމާތުގެ މަސައްކަތަށް އަމީނީމަގެ ބައެއް ބަންދުކުރުމާއި ގުޅިގެން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ވިދާޅުވީ އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތުކުރުމަށްޓަކައި އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު މިރޭ 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މަގު ބަންދުކުރުމުން، އެކުންފުނިން ފޯރުކޮށްދޭ ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެމްޓީސީސީއިން ވިދާޅުވީ އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 އޯކިޑް ރޫޓް ދަތުރުތައް ފައްޓާއި ނިންމާނީވެސް ވެސްޓު ޕާރކު ބަސް ސްޓޮޕަށެވެ. މި ބަދަލާއި ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ދެން ރޫޓް-10ގެ ބަސްތައް މަޑެއް ނުކުރާނެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/VVaXWYGzd6
— MTCC Plc (@MTCCPlc) August 2, 2026
އަމީނީމަގު ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ރޫޓް-11 އަމީނީމަގު ރޫޓުގެ ބަހުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކެނޑޭނެކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓަރމިނަލްއަށްކަމަށް ވިދާޅުވިއެވެ.