ޚަބަރު

ފާޑުކިޔުންތަކާއެކުވެސް އެކުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކެއް އުފެދުން މުހިންމު: މިނިސްޓަރ މަޙްލޫފު


ބޭނުންވަނީ ފާޑުކިޔުންތަކާއެކުވެސް އެކަންކަން ހައްލުކުރަން އެކުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކެއް އުފެދުން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މަދަނީ ޖަމްޢިއްޔާތަކުން ސަރުކާރަށް ފާޑުކިޔުމަކީ މައްސަލައެއްނޫންކަމަށާއި އެކަންކަން ޙައްލު ކުރުމަށް އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށެވެ.

"އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަޙްލޫފް ވަނީ ޔޫތު މިނިސްޓްރީއާއި، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރއަކީ މަދަނީ ޖަމްޢިއްޔާތަކަށް އޮތް ބިރެއްގެގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރަށް ފާޑުކިޔުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، މި ސަރުކާރު ވެރިކަމަށް އައީވެސް އެފަދަ ކަންކަމަށް ހިތްވަރުދީ، މަގުކޮށައިދީފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކިޔާ ފާޑުކިޔުންތަކާއެކު އެކަންކަން ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު ޖަމްޢިއްޔާތަކުގެ މެދުގައިވެސް އޮތުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރެއްގެ ހައިސިއްޔަތުން ހުންނާނެ އެކަންކަން ހަޖަމްކުރަންވެއްޖެއްޔާ ހަޖަމްކުރަން، ބަލައިގަންނަންވެއްޖެއްޔާ ބަލައިގަންނާނެ ހިތްވަރުވެސް. އެކަމަކު ފާޑުކިޔުމާއެކީގައި ސަރުކާރަށް އެހީތެރިވެދީގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރަންޖެހޭނެ. އެއީ ވަރަށް މުހިއްމުކަމެއް. ހަމައެކަނި ފާޑު ކިޔާލާފައި ދޫކޮށްލުމުގެ ބަދަލުގައި، އަޅުގަނޑުމެންނާއެކީގައި އެކަމެއް ހައްލުކުރަން މަސައްކަތްކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަޚްލޫފް ވިދާޅުވީ، މުޖުތަމަޢުގެ ބަދަހިކަމާއި އިޖްތިމާޢީ ގުޅުން ވަރުގަދަކުރުމުގައި މަދަނީ ޖަމްޢިއްޔާތަކަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި އެކަން ކޯވިޑް-19 ތެރެއިންވެސް ވަރަށް ބޮޑަށް ތަޖުރިބާކުރެވިގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މުޖުތަމަޢުއަށް ލާބައާއި މަންފާއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ހިތްވަރުދީ ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެ މިނިސްޓްރީން އަބަދުވެސް ދެމުންދާނެކަމަށެވެ.

"މިސާލަކަށް ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މަގުމައްޗަށް އޭރު ޒުވާނުންތަކެއް އެއްވެ މުޒާހަރާކުރަމުންދިޔައިރު އަޅުގަނޑާއި ޖެންޑަރ މިނިސްޓަރާއި އެންމެން މިކޮޅުގައި ޒުވާނުންގެ ހޮޅުއައްޓެއް އެކަމަށް ބާއްވައިގެން އޭގެ ތެރެއިން ކުރެވުނު މަސައްކަތުން އުފެދުނު އެއްބައެއް އެއީ ވޮއިސް އޮފް ޗިލްޑްރަންއަކީ. އެކަމަށް ހިތްވަރުދިނީ އަޅުގަނޑުމެން. އެކަން ކުރުމަށް އަވަސްކޮށްދިނީ އަޅުގަނޑުމެން. އެމީހުންނަށް އެކަމުގައި އެހީތެރިވަމުން އަޅުގަނޑުމެން މިދަނީ. އަދި އޭގެ ސަބަބުން އެމީހުން މިއަދުކުރަމުންދާ މަސައްކަތް މާ ރަނގަޅު. މާ ފުރިހަމަ" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދާއިރާ ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހިމަނުއްވާފައިވަނީ ވަރަށް މުހިއްމު މަޤްޞަދެއްގައިކަން ފާހަގަކުރައްވާ، މިނިސްޓަރ މަޚްލޫފް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް އެންމެ ހިތްހަމަޖެހޭ ވަރަށް އެ މަސައްކަތްތައް ނުކުރެވޭކަމަށާއި، މިއަހަރަކީ ނަތީޖާ ނެރެވޭ އަހަރަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.