ޚަބަރު

ޔުނިސެފްގެ މަންދޫބަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރައްވައިފި


ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޑރ.އެމް.މުނީރު، އޭ.ސަފިލްޑިންއަށް މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ. މިނިސްޓަރ ޝާހިދު ޑރ.އެމް.މުނީރަށް ޝުކުރު އަދާކުރެއްވީ އެމަނިކުފާނުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.

ޑރ.އެމް.މުނީރަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެބޭފުޅާ ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައިވެއެވެ. ޔުނިސެފުން ވަނީ ފުރަބަންދުގެ ޙާލަތުގައިވެސް ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޑރ.އެމް.މުނީރު ވަނީ ރާއްޖެއާއި ޔުނިސެފްގެ ގުޅުން ވަރުގަދަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިކަމަށެވެ.

ޑރ.އެމް.މުނީރު އެމަނިކުފާނުގެ ވަދާޢީ ޒިޔާރަތުގައި މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒް އިން ޔުނިސެފްއާއެކު ބާއްވަމުންދާ ގުޅުމަށްވެސް ވަނީ ތަޢުރީފު ކުރައްވާފައެވެ. އަދި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުން ރާއްޖެއަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ލިބުނު ޝަރަފެއްގެ ގޮތުގައި ޑރ.އެމް.މުނީރު ސިފަކުރެއްވިއެވެ.