ޚަބަރު

ޕޯސްޓުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި


ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގަނެފައި ވަނީ 14 ގްރާމްގެ މަސްތުވާތަކެތި ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޖެނުއަރީ 10 ގައި ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ޕާރުސަލްތަކެއް ބަލައި ފާސްކުރިއިރުކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވައެވެ. ޕާރުސަލްތަކުން ފެނުނު ތަކެތި މަސްތުވާތަކެއްޗަށް ޝައްކުކުރެވި ތަޙުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތީގެ މަގުމަތީގެ އަގު ސާޅީސް ދެ ހާސް ރުފިޔާއަށް އަރާނެކަމަށެވެ. މިމައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ވަނީ ޙަވާލުކޮށްފައެވެ.