ޚަބަރު

އޮޅުވެލި ރިޒޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވެފައިވަނީ އެރިސޯޓުގެ ކޮޓަރިއެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައެއްނުވެއެވެ. ނަމަވެސް ރިސޯޓުގެ ހަތަރު ކޮޓަރީގެ ބްލޮކެއްގައި ރޯވެ އެތަނުން ދެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިކަމަށް ވިދާޅުވެއެވެ.

މިއަލިފާނުގެ ޙާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ ލޯންޗް އެރިސޯޓަށް ދިޔައިރު ރިސޯޓުގެ މުވައްޒަފުންގެ މަސައްކަތުން އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅީވެއެވެ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 00:52 ގައިކަމަށް އެފަރާތުން ވިދާޅުވެއެވެ.