ޚަބަރު

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަކީ ޚިދުމަތް ތަރައްޤީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް: މިނިސްޓަރ ޢިމްރާން


ފުލުހުންގެ ޚިދުމަތުގެ ޤާނޫނަކީ ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ތަސްދީޤުކުރެއްވުމާ ގުޅިގެންނެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ދިވެހިރާއްޖެއަކީ ފުރިހަމަ ޑިމޮކްރަޓިކް މުޖުތަމަޢަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި މި ޤާނޫނާއެކު ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

https://twitter.com/ShimranAb/status/1343197331940732928?s=20

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ތަސްދީޤުކުރާތާ ތިން މަސް ފަހުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޤާނޫނާއެކު ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ރައީސުލްޖުމްޙޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މި ޤާނޫނާއެކު ފުލުހުންގެ ޚިދުމަތަށް ގެނެވިގެންދާ ބަދަލުތަކަކީ ފުލުހުންނާއި އެތައް ރައްޔިތުންނެއްވެސް އެދި ތިބި މުޙީންމު އިސްލާހީ ބަދަލުތަކެއްކަމަށެވެ. އަދި މި ޤާނޫނާއެކު ފުލުހުންނަށް އުއްމީދާއި ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1343195532710215680?s=20

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރު ލިބިދިނުމާއި، ފުލުހުންނަށްލެސް ލީތަލް ހަތިޔާރު ބޭނުން ކުރުމުގެ ބާރު ދިނުންވެސް ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތަށް" ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.