ޚަބަރު

އެމްއެމްއޭގެ މައިގަނޑު މަޤްސަދުތަކަށް އިސްލާޙުތަކެއް ގެނެސްފައިވާ ބިލް ތަސްދީޤުކުރައްވައިފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކަށް އިސްލާހްތަކެއް ގެނެސްފައިވާ ބިލު ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ތަސްދީޤުކުރައްވައިފިއެވެ.

ރައީސް ތަސްދީޤު ކުރެއްވި އެމްއެމްއޭގެ ޤާނޫނަށް ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، މިމަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެމްއެމްއޭގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން އެމް.އެމް.އޭގެ މައިގަނޑު މަޤްޞަދުތަކަށްވަނީ އިޞްލާޙު ގެނެސްފައެވެ. އެ ގޮތުން، އެ އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަޤްޞަދު ޙާޞިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ބިލުގައި ހިމަނާފައިވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމް.އެމް.އޭ.ގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

މި އިޞްލާޙުގައި ޤާނޫނުގައިވާ ބައެއް މާނަކުރުންތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެ ގޮތުން، މާލީ އިދާރާ، ބޭންކު-ނޫން މާލީ ވިޔަފާރި، އަދި ޤާނޫނުގައި "ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން" މާނަކޮށް މި ބިލުގައި ހިމަނާފައި ވެއެވެ. މީގެ އިތުރުން، އެމް.އެމް.އޭ.ގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތާއި، އެ މަޤާމުތަކާއި ގުޅިގެން ހުރި ބައެއް މާއްދާތަކަށް ވެސް އިޞްލާޙު ގެނެސްފައިވެއެވެ. ހަމައެހެންމެ، އެމް.އެމް.އޭ.ގެ މަސައްކަތްތަކާ ގުޅޭ މާއްދާތަކަށް އިޞްލާޙު ގެނައުމުގެ އިތުރުން، މި ބިލުގައި އަލަށް ހިމަނާފައިވާ މާއްދާތަކާ ބައިތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖްއާ ބެހޭ ކަންކަންކަމާއި "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަދި "ސެކިއުރިޓީޒް މާރކެޓް" އާ ގުޅޭ ކަންކަން މި ބިލުގައި ހިމަނާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، މި ޤާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ، ޢަމަލުކުރައްވަން ފަށްޓަވާފައެވެ.