ޚަބަރު

މީހުން ބިނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެޗް.ޑީ.ސީއާއި އެމް.އައި.ޓީއާ ދެމެދު ސޮއިކޮށްފި


ޤައުމަށް ޚިދުމަތްކުރާނެ ދިވެހިން ބިނާކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީއާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެމް.އައި.ޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދުއެވެ. އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމްއެވެ.

އެޗް.ޑީ.ސީ އާއި އެމް.އައި.ޓީއާ ދެމެދު ވި މި އެއްބަސްވުމުގެ ދަށުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޤައުމަށް ޚިދުމަތް ކުރާނެ ދިވެހިން ބިނާކުރުމަށް އެޗް.ޑީސީ އިސްވެ ކުރިއަށްގެންދާ މިފަދަ 4 ވަނަ ޕްރޮގްރާމެވެ. 60 ބައިވެރިންނަށް ފުރުޞަތުދީގެން ކުރިއަށްގެންދާ 4 މަސްދުވަހުގެ މި ޕްރޮގްރާމު ފުރިހަމަކުރުމުން ލެވެލް 3 ގެ ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީސީން ވިދާޅުވިއެވެ.

މި އެއްބަސްވުމާއެކު ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެކަމަށް އެޗް.ޑީސީން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގައި ހިމެނޭ ސެޝަންތަކާއި ކަރިކިއުލަމް ފަރުމާކުރުމަށް ހަމަޖެހިފައިވަނީ އެމް.އައި.ޓީގެ ފަރާތުންކަމަށްވެސް އެޗް.ޑީސީން ވިދާޅުވެއެވެ.

އެޗް.ޑީ.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އަބަދުވެސް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. މިހާތަނަށް އެޗް.ޑީ.ސީން ބޭއްވި ޕްރޮގްރާމްތަކުންވެސް މަސައްކަތުގެ މާޙައުލަށް ހުނަރުވެރި ހަރުދަނާ ޒުވާނުންތަކެއް ވަނީ ނެރެފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ޕްރޮގްރާމް މިހާރަށްވުރެ ފުރިހަމަކޮށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުވެސް އެޗް.ޑީ.ސީން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި ޖުމްލަ 6 ދާއިރާއަކުން ޒުވާނުން ތަމްރީންކޮށްފައިވެއެވެ.