ޚަބަރު

މާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ


މާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ޕީސީއާރު ޓެސްޓް ހަދަންޖެހޭގޮތަށް މާލެ ސަރަޙައްދުގެ ޓުއަރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގައި ޢަމަލުކުރަންޖެހޭ ގައިޑްލައިން ޢާއްމުކުރައްވައިފިއެވެ.

މިގައިޑްލައިން ޢާއްމުކުރައްވާފައިވަނީ މާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކާއި ޓުއަރިސްޓު ހޮޓާތައް އަލުން އޮޕަރޭޓްކުރުމުގެ ހުއްދަ ދޭން ނިންމާފައިވާތީއެވެ. އަލުން ގެސްޓްހައުސްތައް ހުޅުވާއިރު އެތަންތަނުގައި ބައެއް ޚާއްސަ ފިޔަވަޅުތައް އެޅުން މިގައިޑްލައިންގައި ލާޒިމްކުރެއެވެ. ހުޅުވުމުގެ ހުއްދަދޭއިރު އެކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ.

މިގައިޑްލައިނާ ގުޅޭގޮތުން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ ގައިޑްލައިން ތައްޔާރުކޮށްފައި ވަނީ ޢާއްމު ރައްޔިތުންނާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓު ހޮޓާތަކާއި މުވައްޒަފުންނާއި ފަތުރުވެރިންނަށް އެންމެ ރައްކާތެރި ގޮތްތަކަށް ވިސްނާފައިކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންމެ މަހަކު ޕީ.ސީ.އާރު ޓެސްޓެއް ހަދަން ޖެހޭނެކަން އެޗް.ޕީ.އޭގެ ގައިޑްލައިންގައި ކަނޑައަޅާފައިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ މާދަމާ އޮޕަރޭޝަނަށް ހުއްދަ ލިބޭ ގެސްޓްހައުސްތަކުގެ އަދަދު ކުރިއަށް އޮތް ހަފާތާއެއްގެ ތެރޭގައި މިހާރަށްވުރެ އިތުރުވެގެން ދާނެކަމަށެވެ.

"މާދަމާ އަޅުގަނޑު މިބަލަނީ މަދުވެގެން 10 ތަނަށް ފުލް އޮޕަރޭޝަނަށް ހުއްދަ ލިބިގެންދާނެކަމަށް. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރިން ޓްރާންސިޓަށް ބޭނުންކުރި 80 ތަންވެސް ފުލް އޮޕަރޭޝަނަށް ކޮންވަރޓްވެގެން އަންނާނެ." ރައްޒާން ވިދާޅުވިއެވެ.

ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން އެތަނަކުން ކޯވިޑް-19ގެ ސޭފްޓީ ޕްލޭނެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. އަދި އެތަނަކަށް ހުއްދަދޭނީ މި ޕްލޭން އެސެސްކުރުމަށް ފަހުގައިކަމަށް ރައްޒާން ވިދާޅުވިއެވެ.